12 Jul 2013, 14:48
ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަން، ސައެންސް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން ކުރިއަށް ގެންދާ ޒުވާން ލީޑަރުންގެ ސެމިނާއެއްގައި ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީ ތަގުރީރުކުރާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.
މިދިޔަ މަހުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސްކޫލަށް ދާތީވެ ކަމަށް ބުނެ ތާލިބާނުން ދިން ބަޑީގެ ހަމަލާއެއްގައި ލިބުނު ޒަހަމްތަކަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯދުމަށް ފަހު މިދިޔަ މާޗު މަހު އަނބުރާ ސްކޫލަށް ދާން ފެށި މާލާލާ ޔޫސުފްޒާއީ އަކީ ތާލިބާނުންގެ ފިއްތުތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު ކިޔަވަން ދިއުމުގެ ސަބަބުން ބަތަލާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުއްޖެކެވެ.
މަލާލާގެ 16 ވަނަ އުފަންދުވަހުގައި އދ.ގައި ތަގުރީރުކުރާއިރު އދ.އިން ވަނީ މިއަދަކީ "މަލާލާ ދުވަސް"ގެ ގޮތުގައި ފާހަގަކުރަން ނިންމާފަ އެވެ.
އެއީ ސްކޫލަށް ކިޔަވަން ދިއުމުގެ ފުރުސަތު ލިބިފައިނުވާ ކުދިންގެ މައްސަލަތައް ހައްލުކުރުމަށް ޔުނެސްކޯ އިން ފަށާފައިވާ މަސައްކަތުގެ ބައެއް ކަމަށް އެޖަމިއްޔާއިން ބުނެ އެވެ.
ޔުނެސްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕްރައިމަރީ ސްކޫލު އުމުރުގައި ކިޔަވަން ނުދެވިފައިވާ 57 މިލިއަން ކުދިން ދުނިޔޭގައި އުޅެ އެވެ.
މިދުވަހާ ގުޅުވައިގެން ޔުނެސްކޯއިން ވަނީ "ޗިލްރަން ބެޓްލިންގް ޓު ގޯ ޓު ސްކޫލް" (ސްކޫލަށް ދިއުމަށް ހަނގުރާމަކުރަމުންދާ ކުދިން) މިނަމުގައި ފޮތެއް ނެރެފަ އެވެ. މިފޮތުގައި ބުނެފައި ވަނީ 2012 ވަނަ އަހަރު އެކަނިވެސް ސްކޫލުތަކަށާއި ތައުލީމު ހުއްޓާލުމަށް އަމާޒުކޮށްގެން 3،600 ހަމަލާ ދީފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމާއި ޓީޗަރުންނާއި ކިޔަވާ ކުދިންނަށް އަނިޔާކޮށް ހަމަލާދީ މެރުމުގެ މައްސަލަތައް ރެކޯޑުކުރެވިފައިވާ ކަމަށް ޔުނެސްކޯ އިން ބުނެ އެވެ.
މާލާލާ ތަގުރީރުކުރާނީ އދ.ގެ ޔޫތު އެސެމްބްލީ ނުވަތަ ޒުވާނުންގެ މަޖިލީހުގަ އެވެ. މިއަހަރުގެ ޔޫތު އެސެމްބްލީގައި ދުނިޔޭގެ އެކި ގައުމުތަކުން 500 ޒުވާން ލީޑަރުން ބައިވެރިވާނެ އެވެ.