12 Jul 2013, 14:16
ޤާހިރާ (ޖުލައި 12) : މިސްރުގެ އައު ސަރުކާރުގައި ބައިވެރިވުމުގެ ފުރްސަތު އިސްލާމީ ފިކުރުގެ ހުރިހާ ޕާޓީތަކަކަށް ވެސް އެބައޮތް ކަމަށް ވަގުތީ ސަރުކާރު އެކުލަވާލުމުގެ ކަންތައް ކުރައްވަމުން ގެންދަވާ ޑރ. ޙާޒިމް އަލްބިބްލާވީ ވިދާޅުވެއްޖެ އެވެ.
ޑރ. ޙާޒިމް ވިދާޅުވީ މިސްރުގައި އެކުލަވާލާ ވަގުތީ ސަރުކާރުގައި ބައިވެރިވުމުގެ ފުރްސަތު މަޤާމުން ދުރުކުރެވިފައިވާ ޑރ. މުޙައްމަދު މުރުސީގެ އިސްލާމީ ފިކުރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ވެސް އެބައޮތް ކަމަށާ އޭނާ އެކުލަވާލައްވާ ސަރުކާރުގެ ކެބިނެޓަކީ ޓެކްނޯކްރޭޓުންގެ މައްޗަށް އެކުލެވިފައިވާ ކެބިނެޓެއް ކަމަށް ހައްދަވަން ބޭނުންފުޅުވާ ކަމުގަ އެވެ. އެހެންކަމުން ކެބިނެޓްގެ ވަޒީރުކަމަށް މަޤާމުތައް އިޚްތޔާރުކުރާނީ ޢިލްމީގޮތުން ފުންނާބުއުސް އަދި ޢަމަލީ ގޮތުން ކަންކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތައް ކަމަށާ އެބޭފުޅުންގެ ސިޔާސީ ފިކުރަށް ނުބައްލަވާނެ ކަމަށް ވެސް ޑރ. ޙާޒިމް ވިދާޅުވި އެވެ.
މިސްރުގެ ސިފައިން ޢަސްކަރީ އިންގިލާބެއްގައި ޑރ. މުރުސީ ވެރިކަމުން ދުރުކުރުމަށް ފަހު މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ވަނީ މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސްލީޑަރުން ހައްޔަރު ކުރުމުގެ އަމުރުނެރުއްވާފަ އެވެ. އަދި ޚުދު މުރުސީ ވެސް ވަނީ މިސްރުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގަ އެވެ. އެހެންކަމުން އިޚްވާނުލްމުސްލިމޫން ޖަމާއަތުން ވަނީ މިހާރު މިސްރުގައި އޮތީ ޤާނޫނީ އަދި ޝަރުޢީ ވެރިކަމެއްނޫން ކަމަށް ސިފަކޮށްފަ އެވެ. އަދި މަގާމުން ދުރުކޮށްފައިވާ ރައީސް ޑރ. މުރުސީ އަލުން ވެރިކަމަށް ރުޖޫޢަ ކުރަންދެން މިސްރުގެ ކަންކޮޅުތަކުގައި ޢަސްކަރީ ވެރިކަމާ ދެކޮޅަށް މުޒާހަރާކޮށް އިޙްތިޖާޖްތައް ކުރިޔަށްގެންދިޔުމަށް ވެސް އިޚްވާނުން ވަނީ ވަޢްދުވެފަ އެވެ.
މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ރައީސް ޑރ. މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އެއްމިލިޔަން މީހުންގެ މުޒާހަރާއެއް ޤާހިރާގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ. ގައުމީ އިއްތިޙާދުގެ ނަމުގައި ޙަރަކާތްތެރިވާ ޑރ. މުރުސީގެ ސަޕޯޓަރުން ވަނީ މިއީ ސިފައިން ގެނަސްފައިވާ އިންޤިލާބު ނާކާމިޔާބުކޮށް މިސްރުގެ ވެރިކަމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ޑރ. މުރުސީ އަލުން ގެނައުމަށް ޓަކައި ކުރުމަށް ހަމަޖެހިފައިވާ އާދަޔާ ޚިލާފު މުޒާހަރާއެއް ކަމަށް ވެސް އިޚްވާނުން ބުނެ އެވެ. (އަލްޖަޒީރާ)