ލަގްޒަމްބާގް (ޖުލައި 12): ލަކްސަންބާގްގެ ޖާސޫސީ އިދާރާ އިން ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކެއް ބޭޒާރު ވުމާގުޅިގެން މަޤާމުން އިސްތިއުފާ ދެއްވާނެކަން އެގައުމުގެ ބޮޑުވަޒީރު ޖީން ކްލައުޑް ޔުންކާ އިޢްލާން ކުރައްވައިފި އެވެ.
ޖީން ޔުންކާ ވިދާޅުވީ ލަކްސަންބާގްގެ ޖާސޫސީ އިދާރާގެ ކޮރަޕްޝަނާއި ޤާނޫނާ ޚިލާފު ޢަމަލުތަކުގެ ޒިންމާ އޭނާ އުފުއްލަވާކަމަށާއި އެކަމާ ގުޅިގެން މަޤާމުން ވަރަށް އަވަހަށް އިސްތިއުފާ ދެއްވައި އައު އިންތިޚާބެއް ބޭއްވުމަށް މަގުފަހިކޮށްދެއްވާނެ ކަމުގަ އެވެ. ލަކްސަންބާގްގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ޔުންކާ ވަނީ މިއަދު ބާއްވާ ކެބިނެޓްގެ ޚާއްސަ ބައްދަލުވުމެއްގައި މަޤާމުން އިސްތިއުފާ ދެއްވާނެކަން ޢިއްލާން ކުރައްވާނެކަން ވެސް ކަށަވަރުކޮށްދެއްވާފަ އެވެ.
ޖީން ކްލައުޑް ޔުންކާ އަކީ ޔޫރަޕްގައި މިހާރު އެންމެ ދިގުމުއްދަތަކަށް ވެރިކަން ކުރައްވަމުން ގެންދަވާ ބޮޑުވަޒީރެވެ. އޭނާ ލަކްސަންބާގްގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވީ 1995 ވަނަ އަހަރު އެވެ. އެއަށް ފަހު ބާއްވާ ކޮންމެ އިންތިޚާބެއް ވެސް ކާމިޔާބު ކުރައްވަމުން މިހާތަނަށް ވެސް އޭނާ ހުންނެވީ ލަކްސަންބާގްގެ ބޮޑުވަޒީރު ކަމުގެ މަޤާމުގަ އެވެ.

ލަކްސަންބާގްގެ ޖާސޫސީ އިދާރާގެ ކޮރަޕްޝަނުގެ މައްސަލަ ބޭޒާރުވީ2012 ވަނައަހަރުން ފެށިގެން މިކަން ބެލުމަށް ޕާލަމެންޓުގެ ޚާއްސަ ކޮމިޓީއަކުން ހިންގި ތަޙްގީގުތަކަކުންނެވެ. މިއިދާރާއަކީ އެގައުމުގެ ބޮޑުވަޒީރުގެ ސީދާ ބެއްލެވުމުގެ ދަށުން ހިނގާ އިދާރާއަކަށް ވާތީ އެއިދާރާގެ ކޮރަޕްޝަނުގެ ޢަމަލުތައް ބޮޑުވަޒީރަށް އެނގިވަޑައިނުގެން ނުހުންނާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ޖީން ޔުންކަރުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ. (ބީ.ބީ.ސީ)