12 Jul 2013, 13:50
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކެމްޕެއިން ދަތުރުފުޅެއްގައި މެލޭޝިޔާ އަށް ވަޑައިގެންފި އެވެ.
ރައީސް ނަޝީދު މެލޭޝިޔާ އަށް ވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާރިޔާ ދީދީ އެކަމަނާގެ ޓުވިޓާ އެކައުންޓުގައި ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ވެބްސައިޓުގައި ބުނެފައި ވަނީ ނަޝީދުގެ މިދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށާއި ދަތުރުފުޅުގައި ކުރިއަށް ދާނީ ކެމްޕެއިންގެ ހަރަކާތްތައް ކަމަށެވެ. މިގޮތުން މިއަދު މެންދުރުގެ ވަގުތުތަކުގައި މެލޭޝިޔާގައި ދިރިއުޅޭ ރާއްޖޭގެ އާއިލާތަކާ ބައްދަލުކުރައްވާނެ ކަމަށާއި މިއަދު މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ކިޔަވާ ކުދިންނާ ބައްދަލުކޮށް ހަދާނެ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މާދަމާ ރޭ "މެލޭޝިޔާ އެއްބުރުން" މިނަމުގައި ރޯދަ ވީއްލުމަކާއި ބައްދަލުވުމެއް ބޭއްވުމަށް ވެސް އެމްޑީޕީ އިން ވަނީ ރާވައިފައި ކަމަށް އެމްޑީޕީން ބުންޏެވެ.
ނަޝީދު މެލޭޝިޔާ އަށް ވަޑައިގެންފައި މި ވަނީ ސައުދީއެރިބިޔާ އަށް އުމުރާއަކަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވެ ވިސާ ހޯދުމަށް ލަންކާގައި ހުންނެވުމަށް ފަހު އެވެ. ނަމަވެސް މެލޭޝިޔާ އަށް ވަޑައިގަތީ އުމުރާ ދަތުރުފުޅު ކެންސަލް ކުރައްވާފައި ކަމެއް ނުވަތަ ނޫން ކަމެއް އެމްޑީޕީއަކުން ނުބުނެ އެވެ.