12 Jul 2013, 13:36
މަޖުބޫރުކުރުވައިގެން އަޅެއްގެ ގޮތުގައި މީހަކު ލައްވާ މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ސައުދީގެ ޝާހީ އާއިލާގެ ޕްރިންސެސް މިޝޭލް އަލޭބަން ހައްޔަރުކޮށްފި އެވެ.
އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅެމުން އައި މިޝޭލް ހައްޔަރުކޮށްފައި ވަނީ ކެންޔާގެ އަންހެނަކު ލައްވާ ދޭން ބުނި މުސާރަ އަށް ވުރެ ކުޑަ މުސާރައެއްގައި ދުވާލަކު 16 ގަޑިއިރު މަސައްކަތްކުރުވި ކަމުގެ ތުހުމަތުގައި ކަމަށް ބީބީސީ އިން ބުންޏެވެ. ކެލިފޯނިއާގެ އޮފިޝަލުން ބުނީ މިޝޭލް މިކަން ކޮށްފައި ވަނީ ކެންޔާގެ މަސައްކަތު މީހާގެ ޕާސްޕޯޓް ހިފަހައްޓައިގެން މަޖުބޫރުކުރުވައިގެން ކަމަށެވެ.
މިޝޭލްއާ ދެކޮޅަށް ކުރެވޭ ދައުވާތައް ސާބިތުވެއްޖެ ނަމަ 12 އަހަރު ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކެލިފޯނިއާގެ އޮފިޝަލުން ބުނީ މިޝޭލް އަކީ ސައުދީ ޝާހީ އާއިލާގެ ޕްރިންސް އަބްދުއްރަހުމާން ބިން ނާސިރު ބިން އަބްދުލް އަޒީޒް އަލް ސައުދުގެ ހަ އަނބިކަނބަލުންގެ ތެރެއިން އަނބިކަނބަލެއް ކަމަށެވެ.
މިމައްސަލާގައި ފުލުހުން ބުނީ ނަން ހާމަކޮށްފައި ނުވާ ކެންޔާގެ އަންހެން މީހާ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި މިޝޭލް އަށް ހިދުމަތްކޮށްދޭން ފަށާފައި ވަނީ މިދިޔަ އަހަރު ސައުދީ އަރަބިއްޔާގައި ކަމަށެވެ.
އަދި ކޮންޓްރެކްޓްގައި ސޮއިކުރި އިރު މަހަކު 1،600 އެމެރިކާ ޑޮލަރަށް ފަސް ދުވަހު އަށް ގަޑިއިރުގެ ރޭޓުން މަސައްކަތް ކުރުމަށް އެއްބަސްވި ނަމަވެސް، އަންހެން މީހާ ލައްވާ ދުވާލަކު 16 ގަޑިއިރު މަސައްކަތްކުރުވާފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. އަދި މުސާރައިގެ ގޮތުގައި ދީފައި ވަނީ މަހަކު 220 ޑޮލަރު ކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ.
މިމައްސަލަ ފެންމަތިވީ ކެންޔާގެ އަންހެން މީހާ ފިލައިގެން ދިއުމަށް ފަހު ފުލުހުންނަށް މައްސަލަ ރިޕޯޓްކުރުމުން ނެވެ.
ޕްރިންސެސް މިޝޭލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބެއްވި އަޑުއެހުމުގައި މިޝޭލްގެ ވަކީލުން ބުނީ މިމައްސަލައަކީ މަސައްކަތްކުރަން ޖެހޭ ގަޑިއާ މެދު އުފެދުނު ހިޔާލު ތަފާތުވުމެއް ކަމަށެވެ.
މިޝޭލް މިހާރު ވަނީ ފަސް މިލިއަން އެމެރިކާ ޑޮލަރަށް ކަފާލާތުގެ ދަށުން ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު ދޫކޮށްލާފަ އެވެ. -- މައުލޫމާތު: ބީބީސީ