އިންޑޮނޭޝިޔާގެ ސުމަޓްރާ އައިލެންޑުގެ މެޑާން ސިޓީގައި ހުންނަ ޖަލެއް ފަޅާލުމަށް ފަހު އެޖަލުގައި ބަންދުކޮށްފައި ތިބި 150 ގައިދީއަކު ފިލާފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިމީހުން ފިލާފައި ވަނީ ޖަލުން ކަރަންޓް ދިއުމުގެ ސަބަބުން ކުރި މުޒާހަރާއެއްގެ ތެރޭގައި ކަމަށެވެ.

ޓަންޖަންގު ގުސްތާ ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުންތައް ހޫނުވެފައިވާ އިރު ފުލުހުންނާއި ސިފައިން ގުޅިގެން ޖަލުގެ ހާލަތު ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފިލާފައިވާ މީހުންގެ ތެރޭގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެން ބަންދުކޮށްފައިވާ ގައިދީން ވެސް ހިމެނޭ ކަމަށް ބީބީސީ އިން ބުނެ އެވެ.

އިންޑޮނޭޝިޔާގެ ނޯތު ސުމަޓްރާ ޕްރޮވިންސްގެ ފުލުހުން ބުނީ ފިލާފައިވާ މީހުން ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.

ފުލުހުންގެ އޮފިޝަލް ބުނީ ރޭ ހިނގައި ދިޔަ ހަމަނުޖެހުންތައް އަދިވެސް ކޮންޓްރޯލްކުރެވިފައި ނުވާ އިރު ގައިދީން ހަތިޔާރު ހޯދައިގެން ޖަލުގެ 15 ގާޑަކު ރަހީނުކޮށްފައިވާ ކަމަށެވެ.

ޓަންޖަންގު ގުސްތާ ޖަލަކީ އިންޑޮނޭޝިޔާގެ ޖަލުތަކުގެ ތެރެއިން އާބާދީ އެންމެ ބޮޑު ޖަލެވެ. މިޖަލުގެ ކެޕޭސިޓީއަކީ 400 ކަމަށް އޮފިޝަލުން ބުނާ ނަމަވެސް ޖަލުގައި 2،400 ގައިދީން ބަންދުކޮށްފައި ތިބޭ ކަމަށް ބީބީސީއިން ބުނެ އެވެ.