11 Jul 2013, 22:50
ޅައުމުރުގައި ދަރިމައިވުމުގައި ހުރި ގެއްލުންތަކާ މެދު މިހާރަށް ވުރެ ބޮޑަށް ވިސްނަވައި ސަމާލުކަން ދެއްވުމަށް މައިންބަފައިންނަށާއި އެކި ދާއިރާތަކުގެ ފަންނުވެރިންނަށާއި އިލްމުވެރިންނަށާއި މުޖްތަމައުގެ ކަމުވޮށިވެގެންވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އިލްތިމާސް ކުރައްވައިފި އެވެ.
ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދެއްވި ހިތާބުގައި މި އަހަރުގެ ޝިއާރު ކަމަށްވާ [ޅައުމުރުގައި ދަރިމައިވުން] މި ޝިއާރުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވާފައިވެ އެވެ. އަދި ޅައުމުރުގައި ދަރިމައިވުމަކީ ސިއްހީ ގޮތުންނާއި ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމެއް ކަމުގައި ވެސް ފާހަގަކުރައްވާފައިވެ އެވެ.
ރައީސް ވިދާޅުވީ ޅައުމުރުގައި ދަރިމައިވުމަކީ ހަމައެކަނި ސިއްހީ މައްސަލައެއް ނޫންކަން އެއީ މިއަދު އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށާއި މި މައްސަލައަކީ ފަގީރުކަމާއި ޖިންސީ ތަފާތުކުރުމާއި އަނިޔާއާއި ތައުލީމުން މަހުރޫމްވުމާއި އެ ކުދިންގެ ހައްގުގައި މަސައްކަތް ކޮށްދޭން ޖެހޭ ނިޒާމްތަކާއި ފަރާތްތަކުގެ އިހުމާލުވުން ހިމެނޭ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މުޅި ދުނިޔެއަށް ބަލާ އިރު، ޅައުމުރުގައި ދަރިމައިވާ ކުދިންގެ ބޮޑުބަޔަކީ ކައިވެނި ކުރުވައި އަދި ދަރިމައިވުމަށް މަޖުބޫރުކުރެވޭ ކުދިން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ އާބާދީއަކީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާ އިރު ކުޑަ އާބާދީއެއް ކަމަށާއި ނަމަވެސް ޅައުމުރުގައި ދަރިމައިވުމުގެ މައްސަލައާ މެދު ވިސްނައި، ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.
"ޅައުމުރުގެ އަންހެން ކުދިންނަށް ތައުލީމާއި ސިއްހަތާއި އެ ކުދިންގެ އިންސާނީ ހައްގުތައް ފުރިހަމައަށް ލިއްބައިދޭނެ ނިޒާމްތައް ގާއިމްކޮށް ހަރުދަނާ ކުރުމަކީ، މުހިންމު ކަމެކެވެ. ޅައުމުރުގައި ދަރިމައިވުމާ ގުޅޭގޮތުން ހޭލުންތެރި ކުރުވުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގަންޖެހެ އެވެ. ތަރައްގީގެ މަޝްރޫއުތަކާއި އިންތިޒާމުތައް ރޭވުމުގައި އާބާދީއެއްގައި ދިރިއުޅޭ ދެ ޖިންސުގެ ބޭނުންތައް ތަފާތުވާނެކަން ދަނެގެން، އެންމެންނަށް ފައިދާކުރަނިވި ގޮތަށް ވިސްނަންޖެހެ އެވެ،" ރައީސް ވިދާޅުވެފައިވެ އެވެ.
ޅައުމުރުގައި ދަރިމައިވުމުގެ އިޖްތިމާއީ އެއް މައްސަލައަކީ، އެހާ ޅައުމުރުގައި ލިބޭ ދަރިން ރަނގަޅަށް ބަލައި ތަރުބިއްޔަތު ކުރުމުގެ ގާބިލުކަން، ޅައުމުރުގެ މައިމީހާގެ ކިބައިގައި ނެތުމުގެ މައްސަލަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެ އެވެ. އަދި މިކަމުގެ ސަބަބުން މުޖްތަމައަށް ނުކުންނަ ދަރިންނަކީ، އެންމެ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވިފައިވާ ދަރިން ކަމުގައި ނުވާ ކަމަށާއި ނަތީޖާއަކަށް ވެގެންދަނީ މުޅި މުޖްތަމައަށް މިކަމުގެ ނޭދެވޭ އަސަރު ކުރަމުންދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.