ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބް ނިމެންދެއް އެމްޑީޕީ އާއި ޕީޕީއެމަށް ކ.މާފުށިން ދެ ބިން ދީފި އެވެ.

މާފުށީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަލީ ނަޝީދު މިރޭ ސަން އަށް ވިދާޅުވީ އެ ރަށުން 2000 އަކަފޫޓުގެ ދެ ބިން ޕީޕީއެމަށާއި އެމްޑީޕީ އަށް ދޫކޮށްފައި ވަނީ މަހަކު 500 ރުފިޔާގެ ކުއްޔެއް ނަގާ ގޮތަށް ކަމަށެވެ. އަދި އެ ބިންތައް ދޫކޮށްފައި ވަނީ ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމާ ބެހޭ ގޮތުން ކައުންސިލުން ކުރި އިޢުލާނަކާ ގުޅިގެން ބިމެއް ހޯދުމަށް އެދި ހުށަހަޅާފައި ވަނީ އެ ދެ ޕާޓީން އެކަނި ކަމުގައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕާޓީތަކުން އެދޭތީ އަޅުގަނޑުމެން އިޢުލާނެއް ކުރީ، ބޭނުންވާ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކައުންސިލުން ބިން ދޫކުރާނެ ކަމަށް. ކައުންސިލުން މަޝްވަރާކުރުމަށް ފަހު ސިޔާސީ ޕާޓީތަކަށް ބިން ދޫކުރާ ގޮތަށް ނިންމީ ވަގުތީ ގޮތުން. ތިން އިންތިހާބު ނިމެންދެއް ބިންތައް އެޕާޓީތަކަށް ވާނީ ދޫކޮށްފައި،" ނަޝީދު ވިދާޅުވި އެވެ.

ޕީޕީއެމާއި އެމްޑީޕީ އަށް އެގްރީމަންޓްކޮށް މާފުށިން ދޫކޮށްފައިވާ ދެ ބިމުގެ ތެރެއިން އެމްޑީޕީގެ ބިމުގައި އެޕާޓީގެ ޖަގަހައެއް އަޅައި ސިޔާސީ ހަރަކާތްތައް ފަށާއިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިތުރު ޕާޓީއަކުން އެދުނަސް އެ ފުރުސަތު އެ ޕާޓީއަކަށް ލިބިގެންދާނެ ކަމަށް ވެސް މާފުށީ ކައުންސިލުން ބުންޏެވެ.

މާފުށީ ކައުންސިލުން ފާސްކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެރަށުގެ ހުސްބިންތަކުން 2000 އަކަފޫޓަށް ވުރެ ބޮޑު ނޫން ބިމެއް އެކަމަށް އެދި ހުށަހަޅާ ކޮންމެ ޕާޓީއަކަށް ވެސް ދޫކުރުމަށެވެ.