މި ރޯދަ މަހު މާލޭގައި ޓްރެފިކް ބާރު ބޮޑުވިޔަ ނުދިނުމަށް ޓަކައި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލުން ގުޅިގެން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އަށް އެސްޕީ އާސިމް އަބްދުﷲ ދެއްވާފައިވާ އިންޓަވިއެއްގައި ވިދާޅުވީ ޕޮލިހާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މި ރޯދަ މަހު ފަށާއިފައިވާ އެ އޮޕަރޭޝަންގެ ދަށުން ބާޒާރުމައްޗާއި ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ގަވާއިދާއި ހިލާފާށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ މެންދުުރު 13:30 އިން އިރުއޮއްސި 18:30އާ ހަމައަށް މާލޭގެ ބާޒާރުމައްޗާއި ލޯކަލް މާރުކޭޓް ހިމެނޭ ސަރަޙައްދުތަކުގައި ޓްރެފިކް ބެލެހެއްޓުމަށާއި ވެހިކަލްތައް ދުއްވާ ފަރާތްތަކަށް މަގުދައްކައިދިނުމުގެ ގޮތުން ޓްރެފިކް ފުލުހުންގެ ހާއްސަ ޓީމެއް އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެވަގުތުތަކުގައި ޓްރެފިކް ބާރުބޮޑުވާ ސަރަޙައްދުތަކުގައި ޓްރެފިކް ބަލަހައްޓައި މެނޭޖްކުރުމުގެ ގޮތުން ބައެއް މަގުތަކާއި ގޯޅިތައް ހަތަރު ފުރޮޅުލީ އުޅަނދުތައް ނުވަދެވޭނެހެން ބަންދުކޮށްފައިވާނެ ކަމަށެވެ.

އެ ސަރަޙައްދުތަކުގައި ވެހިކަލްތައް ޕާކްކުރުމަށް ހަމަޖެހިފައިވާ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޮޑުތަކުރުފާނުމަގު ފާރުކެނޑި ހިނގުން ގުޅުނު ހިސާބުން ފެށިގެން ޗާންދަނީމަގާ ހަމައަށް އަދި ކަނޑިދޮންމަނިކު ގޯޅި އާއި ހަވީރީހިނގުން ކަނޑި ދޮންމަނިކު ގޯޅިން ފެށިގެން ފެންފިޔާޒުގޯޅި އާ ހަމައަށް ހިމެނޭ ސަރަހައްދުތަކުގައި މުދާ ބޭލުމާއި މުދާ އެރުވުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.

ބާޒާރުމަތީ ޓްރެފިކް ބާރުބޮޑުވެ ބަންދުކުރަން ޖެހޭ ހާލަތުގައި ބޮޑުތަކުރުފާނުމަގު ފާރުކެނޑި ހިނގުން ގުޅުނު ހިސާބާއި ހަވީރީހިނގުން އާބުރުޒު ހިގުން ގުޅުނު ހިސާބުން އަދި ހަވީރީހިނގުން ހުސޭނީ ގޯޅި ގުޅު ހިސާބު ބަންދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ހަމަ އެ ގަޑިތަކުގައި ހުސޭނީ ގޯޅި އާއި ކެދިގަސް ހިނގުމާއި އާބުރުޒު ހިނގުން، މި ތިން ގޯޅިއަށް ހަތަރު ފުރޮޅު ލީ އެއްވެސް އުޅަނދެއް ނުވަދެވޭނެހެން ބަންދުކުރެވޭނެ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.

ރޯދަ މަހަށް ހާއްސަކޮށް ޢިޝާނަމާދު އަދި ތަރާވީހު ނަމާދު ވަގުތުގައި އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ޓްރެފިކް ބާރު ބޮޑުވިޔަ ނުދިނުމުގެ ގޮތުން ފުލުހުން އެސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.