ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގެ މެއިންޓަނަންސް ބެލެހެއްޓުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ހައުސިން މިނިސްޓްރީގައި އެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ސިނަމާލޭ ސަރަހައްދުގައި މީޑިޔާއާ ވާހަކަފުޅު ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިއަދު ވިދާޅުވީ ސިނަމާލެ ފްލެޓްތަކުގެ ބައެއް ސަރަހައްދުތަކުގައި ވަށާފާރު ރާނައި އެތަން ބަންދު ކުރުމުންދާ ކަމަށެވެ. އަދި އެކަން ކުރަމުން ދަނީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ނޭނގި ކަމަށާއި އެ މަސައްކަތް ފެށުމުގެ ކުރިން އެތަނުގައި ދިރިއުޅޭ ރައްޔިތުންނާ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މަޝްވަރާ ކޮށްފައި ނުވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެކަން ގެންނަން ޖެހުނީ އެތަނުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ރައްޔިތުންގެ ޝަކުވާ ލިބެމުންދާތީ ކަމަށެވެ.

ފްލެޓް ތަކުގެ އެތެރޭގައި ރާނަމުންދާ ފާރުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މަހުލޫފް ވިދާޅުވީ މިހާރު އެ ފާރުތައް ރާނާފައިވާ ގޮތުގެ ސަބަބުން އެތަނުގައި ދިރިއުޅޭ ރައްޔިތުން އެތަނުގައި ލިފްޓެއް ބެހެއްޓަމަށް ކުރަމުންދާ އުންމީދުތަކަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި ވަށާފާރު ރާނައި ބައެއް ސަރަހައްދުތައް ބަންދު ކުރުމުގެ ސަބަބުން އަރާފޭބުމުގައި ވެސް އެތަނުގައި ދިރިއުޅޭ ބައެއް ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫގް އިތުރަށް ވިދާޅުވީ ފްލެޓް ތަކުގެ މެންޓަނަންސް ބެލެހެއްޓުމަށް ސިޓީ ކައުންސިލުން އަމިއްލަ ފަރާތަކަށް މަހަކު 500000ރ. އަށް ހަވާލު ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި އެކަން ކުރަމުން ނުދާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އެހެން ކަމުން ފްލެޓް ތަކުގެ މެއިންޓަނަންސް ބެލެހެއްޓުން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިނަ މާލެ ފްލެޓް ތެރޭގައި ރާނަމުންދާ ފާރުތައް ރާނާ ސަބަބާ ގުޅޭ ގޮތުން ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެތަނުގައި ވަށާ ފާރެއް ރާނައި އަދި ބައެއް ތަންތަން ބަންދު ކުރަމުން ދަނީ އެ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެ މަސައްކަތް ކުރަން ޖެހުނީ އެތަނުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން އެކަމަށް އެދި ސިޓީ ކައުންސިލަށް ޝަކުވާ ހުށަހަޅާފައި ވާތީ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓްގެ ބައެއް ސަރަހައްދުތަކުގައި ވަށާ ފާރު ރާނައި ބަންދު ކުރަން ޖެހުނީ އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މަޝްވަރާގެ މަތިން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ސިނަ މާލެ އަދި މާލޭހިޔާގެ ފްލެޓް ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އެ ދާއިރާގެ މެންބަރާއި ގުޅިގެން ކުރިއަށްދާން ސިޓީ ކައުންސިލުން އަބަދުވެސް ބޭނުންވާ ކަމަށެވެ. އަދި އެކަމުގައި ސިޓީ ކައުންސިލުންނާ އޭނާއަށް ވެދެއްވެން އޮތް ކޮންމެ އެހީއެއް ވެސް ދެއްވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.