ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު، ސައުދީއަރަބިއްޔާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައުދީއަރަބިއްޔާގެ ވަލީއަހުދު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދާ ބައްދަލުކުރައްވައިފި އެވެ.

މިއަދު މެންދުރު ފަހު ބޭއްވި މިބައްދަލުކުރެއްވުމުގައި، ސައުދީއަރަބިއްޔާގެ މިނިސްޓާ އޮފް ފިނޭންސް، ޑރ. އިބްރާހިމް އަބްދުލްއަޒީޒް އަލް އައްސާފް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސައުދީއަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެގައުމުގެ ދެމެދުގައިވާ ގުޅުން، މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާއި، ރާއްޖޭގެ އިގުތިސާދީ ހާލަތާ ބެހޭގޮތުން ސައުދީއަރަބިއްޔާގެ ވަލީއަހުދަށް ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު އެރުވި އެވެ. އެގޮތުން ހާއްސަ ގޮތެއްގައި ރާއްޖޭގެ މާލީ ހާލަތުގެ މައްޗައް އަލިއަޅުއްވާލައްވައި، މި ހާލަތުން އަރައިގަތުމަށް ސައުދީއަރަބިއްޔާގެ މާލީ އެހީތެރި ކަމަށް އެދިވަޑައިގެންނެވި އެވެ.

ސައުދީއަރަބިއްޔާގެ ވަލީއަހުދު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުންނާއި ދިވެހި ރައްޔިތުން ސައުދީއަރަބިއްޔާއާ ދޭތެރޭ އަބަދުވެސް ބަހައްޓަވަމުން ގެންދަވާ ގާތްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެ އަށް ސައުދީ ސަރުކާރުގެ ފަރާތުން އިތުރު އެހީ ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި އެވެ. އަދި ދިވެހި ރައްޔިތުންނަށާއި، ދިވެހިސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަލީއަހުދު ޝުކުރު އަދާކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި، ސައުދީ ސަރުކާރުން ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަމާއި، ވެދެއްވާ އެކި އެހީތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ސައުދީއަރަބިއްޔާގެ ރަސްގެފާނަށާއި، ވަލީއަހުދަށާއި، ސައުދީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ.