އެމެރިކާގެ މިނެސޯޓާގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ޑޯސެޓުގެ ރައްޔިތުން މޭޔަރެއް ހޮވުމަށްޓަކައި އެމީހުން ބޭނުންވަރަކަށް ވޯޓުލެވެއެވެ. އެ އަވަށުގައި މިހާރު ހުރީ ވަރަށް ވެސް އިސްކޮޅުން ކުރު މޭޔަރެކެވެ. އޭނާ އެންމެ ކުރާ ހިތްވާ ދެކަމަކީ އައިސްކްރީމް ބޮއެފައި މަސްބޭނުމެވެ. އޭނާގެ ނަމަކީ ރޮބާޓް "ބޮބީ" ޓަފްޓްސް އެވެ. އޭނާގެ އުމުރުން އަދި ވީ އެންމެ ހަތަރު އަހަރެވެ.

ބޮބީ އަށް ޑޯސެޓުގެ މޭޔަރުކަން ލިބުނީ އޭނާއަށް ތިން އަހަރުގައި، މިދިޔަ އަހަރު އެވެ. ދުނިޔޭގެ ރެސްޓޯރަންޓު ތަކުގެ ވެރިރަށް ކަމަށް އެ އަވަށުގެ މީހުން ސިފަކުރާ ޑޯސެޓުގައި އުޅެނީ އެންމެ 28 މީހުންނެވެ. އެ އަވަށުގައި ރަސްމީ ސިފައެއްގައި ހޮވާފައިވާ ސިޓީ ސަރުކާރެއް ނޯވެއެވެ.

އަހަރަކު އެއްފަހަރު ބާއްވާ "ޓޭސްޓް އޮފް ޑޯސެޓް ފެސްޓިވަލް" (ޑޯސެޓުގެ ރަހަތަކުގެ ފެސްޓިވަލު) ގައި އެ އަވަށުގައި އިންތިޚާބެއް ބާއްވަ އެވެ. އެކި ފިހާރަތަކާއި އާއްމުން ގޮސް އުޅޭ އެހެނިހެން ތަންތާންގައި ވޯޓުފޮށިތައް ބަހައްޓައިގެންނެވެ. ވޯޓުފޮއްޓަށް ކަރުދާސްކޮޅެއް ވައްޓާލެވެނީ 1 ޑޮލަރު ދެއްކުމަށް ފަހުގައެވެ. ޑޮލަރަކަށް ވޯޓެކެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ވަރަކަށް ވޯޓު ލެވެއެވެ. އިންތިޚާބުން މޮޅުވާ މީހަކު ވަނީ ޑޯސެޓުގެ މޭޔަރަށެވެ.

ހަތަރު އަހަރުގެ ބޮބީ ވަނީ އަންނަ އަހަރު ވެސް މޭޔަރުކަމަށް ކުރިމަތިލާން ނިންމާފަ އެވެ. ދެވަނަ ދައުރަކަށެވެ. ވޯޓުލުން އޮންނާނީ އަންނަ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ޑޯސެޓުގެ މަގުތަކުގައި ބޮބީ ހިނގާފައި ދާއިރު "މިސްޓަރ މޭޔަރ" އޭ ކިޔައި ބޮބީއަށް މީހުން ގޮވާ ސަލާންކޮށް ހަދައެވެ. ބޮބީ އަތުގައި އަބަދުވެސް ގެންގުޅޭ ކެމްޕޭން ކާޑެއް އެނާގެ އަވަށު މީހުންނަށް ބަހާ ހަދައެވެ. ކާޑުގެ ދެފަރާތުގައި ވެސް ޕްރިންޓު ކޮށްފައި އޮންނީ ބޮބީގެ ފޮޓޯ އެކެވެ. އެއް ފަރާތުގައިވާ ފޮޓޯގައި ބޮބީ ހުންނަނީ ކޯޓުފަޓުލޫނު ޖެކެޓެއްގެ މަތިން މަސްބާނަން ދާއިރު ލާކަހަލަ ޖެކެޓެއް ލައިގެންނެވެ. ކާޑުގެ އަނެއް ފަރާތުގައިވާ ފޮޓޯގައި ބޮބީ އިންނަނީ އޭނާގެ ރައްޓެހި ސޯފީ އާއެކު އުނދޯއްޔެއް ހެއްލާށެވެ. އޭގައި ލިޔެފައި އޮންނަނީ "ސޯފީދެކެ އަހަރެން ލޯބިވާ ވަރަށް، ތިޔަ އެންމެންގެ މޭޔަރަށް ވުމަށް އަހަރެން ލޯބިކުރަން،" މިހެންނެވެ.

ބޮބީގެ މަންމަ، 34 އަހަރުގެ އެމާ ޓަފްޓްސް ދެކޭގޮތުގައި ހިތްހަމަ ޖެހޭވަރަށް އެނާގެ ދަރިފުޅު މޭޔަރެއްގެ މަސްއޫލިއްޔަތުތައް އަދާކުރެއެވެ. "އޭނާ ފުދޭވަރަކަށް ރަނގަޅު. އެއީ އަވަށަށް ވެސް ލިބޭ ވަރަށް ބޮޑު އިޝްތިހާރެއް،" ބޮބީގެ މަންމަ ބުންޏެވެ.

ބޮބީގެ މައިގަނޑު މަސްއޫލިއްޔަތަކީ ޑޯސެޓަށް އަންނަ މީހުންނަށް މަރުހަބާ ކިޔުމެވެ.

އެމެރިކާގެ މިނެސޯޓާގެ އުތުރުގައި، މިނިއަޕޮލިސް ސިޓީން ގާތްގަނޑަކަށް 150 މޭލު ދުރުގައި އޮންނަ ޑޯސެޓަކީ ވަށައިގެން ކުޅިތަކާއި ސާފު ފެންގަނޑުތައް ގިނަ ސަރަހައްދެއްގައި އޮންނަ އަވަށެކެވެ. ވަރަށް ބޯކޮށް ގަސްހެދިފައި އޮންނަ ފެހި ހިސާބެކެވެ. އަވަށަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ ފަތުރުވެރިކަމުންނެވެ. ރިސޯޓުތަކާއި ރެސްޓޯރެންޓުތައް ވަރަށް ގިނައެވެ. އަވަށުގެ މެދުގައި އޮންނަ ހައިވޭއެއްގެ ދެފަރާތުގައި މެކްސިކޯ އާއި އިޓަލީ، އަދި އެނޫން ވެސް ގައުމުތަކުގެ ރަހަތަކުން ފުރިފައިވާ ރެސްޓޯރަންޓުތައް ހުރެއެވެ.

ބޮބީގެ މޭޔަރުކަމުގައި އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ އަވަށުގައި އެންމެ އަހައްމިއްޔަތު ކަމެއްދެވޭ ކާއެއްޗަކަށް އައިސްކްރީމް ހަދަން އޭނާ ކުރާ މަސައްކަތެވެ. ބޮބީއަށް ވަރަށް ގިނަ އައިސްކްރީމް ރަހަތައް ކަމުދެއެވެ.

"ޗޮކޮލެޓް، ވެނީލާ، ސްޓްރޯބެރީ، ކޮޓޮން ކޭންޑީ ކަހަލަ ވައްތަރުތައް. އަދި ރެއިންބޯ ޝާރބާޓް ވެސް،" މޭޔަރު ބޮބީ ބުންޏެވެ.

ރޮނަލްޑް މެކޮޑޮނަލްޑް ހައުސް ޗެރިޓީސް ކިޔުނު ޖަމިއްޔާއަކަށް ލާރި އެއްކުރުމުގެ ގޮތުން "ހާޓްލޭންޑް ޓްރެއިލް" އޭ ކިޔުނު ޖަންގަލިތެރޭ މަގެއްގައި ދާދި ފަހުން ހިނގާލުމެއް ބޭއްވިއެވެ. އެ ހިނގާލުމުގައި ބައިވެރިވި ގާތްގަނޑަކަށް 20 ވަރަކަށް މީހުންގެ އެންމެ ކުރީގައި ހުރީ މޭޔަރު ބޮބީއެވެ.

"އަހަންނަށް އޭނާ ވަރަށް ލޯބި، ގިނަ މީހުން ވެސް ދެކެނީ އެހެންހެން ހީވަނީ. ވަރަށް ސީދާ ސާދާ،" ޑޯސެޓް ކައިރީގައި އޮންނަ ހަބާޑް ކައުންޓީގައި ޝެރިފް (ފުލުހުންގެ އިސްކޮށް ހުންނަ) ކޯރީ އައުކްސް ބުންޏެވެ. "މިކަހަލަ ކުއްޖަކު ފެންނާނީ ވަރަށް މަދުން. ކެމެރާއާ ރައްޓެއްސޭ ވެސް ބުނެވިދާނެ. އެނާއަކީ ރަނގަޅު، ކުޑަކުޑަ ޝަހުސިއްޔަތެއް. އެކަން ދައްކާކަށް ލަދަކުން ވެސް ނޫޅޭ. އަހަންނަށް ހީވަނީ މިއީ ވަރަށް ރަނގަޅު ކަމެއްހެން،" ޝެރިފް ކޯރީ އައުކްސް ބުންޏެވެ.