11 Jul 2013, 19:38
ވެޓަރަންސް ކަޕްގެ ދެވަނަ މެޗުގައި، މިއަދު ހަވީރު ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އަތުން 1-2 ލަނޑުގެ ނަތީޖާއަކުން އުނދަގުލުން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ފެށުން ރަނގަޅު ކޮށްފި އެވެ.
މިއަދުގެ މެޗުގައި ދެޓީމަށްވެސް ލަނޑުޖަހާނޭ ފުރުސަތުތައް ލިބުނު ނަމަވެސް ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް މެޗުގެ ކުރި ހޯދޭ ގޮތެއް ނުވިއެވެ. އަދި ދެ ޓީމުންވެސް ލަނޑު ކާމިޔާބު ކޮށްފައިވަނީ، ފަހުހާފުގެ ކުރީކޮޅުގަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފޯރިގަދަ މެޗުގައި ފުރަތަމަ ލަނޑެއް ކާމިޔާބުކޮށް ލީޑުނެގީ ޑީއެސްސީ އެވެ. އެޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 51 ވަނަ މިނިޓުގައި އަހްމަދު މުމްތާޒު އެވެ. އެހެން ނަމަވެސް އޭގެ ދެ މިނިޓްފަހުން ލަނޑެއް ކާމިޔާބުކޮށް ނިއުއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، މިދިޔަ އަހަރު ވެލެންސިޔާއިން ފެނުނު ތަޖުރިބާކާރު ފޯވަޑް މުހައްމަދު ނިޒާމް (ތޮއްޑޫ) އެވެ. އަދި އޭގެ މިނިޓެއްފަހުން ނިއުއަށް މެޗުގެ ކުރި ހޯދައިދިން ލަނޑު ކާމިޔާބުކޮށްދިނީ، ކުރިން ނިއުއާއި އަދި ގައުމީ ޓީމަށްވެސް ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްދިން މޮޅު ފޯވަޑް، މުހައްމަދު ނިހާން ނަސީރު އެވެ.
ހަ ޓީމުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭއިރު އެންމެ ކުރީގައި އޮންނަ ހަތަރު ޓީމެއް ސެމީފައިނަލްގައި ވާދަކުރާގޮތަށް ކުރިއަށް ގެންދާ މުބާރާތުގައި މިހާތަނަށް ދެމެޗު ކުޅެފައިވާއިރު ތާވަލްގެ އެއްވަނައިގައި އޮތީ ތިން ޕޮއިންޓް ފައިދާ ދެ ލަނޑާ އެކު އޭވައިއެލް އެވެ. އަދި ތިން ޕޮއިންޓް ފައިދާ އެއް ލަނޑާއެކު ދެވަނައިގައި އޮތީ ނިއު އެވެ.
ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މުބާރާތުގެ ތިން ވަނަ މެޗުގައި ވާދަކުރާނީ، ބީޖީ ސްޕޯޓްސް އާއި ކްލަބް އީގަލްސް އެވެ.