މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ވުރެ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެ އަށް މުދާ އިމްޕޯޓް ކުރި މިންވަރު 11 ޕަސެންޓް އަދި މުދާ އެކްސްޕޯޓް ކުރި މިންވަރު 17 ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބު ތަކަށް ބަލާ އިރު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ނިޔަލަށް ޖުމްލަ 12.9 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފައިވާ އިރު މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެ އަށް އެތެރެކޮށްފައި ވަނީ 11.6 ބިލިއަން ރުފިޔާގެ މުދަލެވެ.

އެ ތަފާސް ހިސާބު ތަކަށް ބަލާ އިރު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައި ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގޮތުން އެގައުމުން ރާއްޖެ އަށް ހަތަރު ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ. ދެ ވަނަ އަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައި ވަނީ ސިންގަޕޫރުންނެވެ. އެގައުމުން އިމްޕޯޓްކޮށްފައި ވަނީ 2.3 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި ތިން ވަނަ އަށް އެންމެގިނައިން އިމްޕޯޓްކޮށްފައިވާ އިންޑިޔާ އިން އެތެރެކޮށްފައި ވަނީ އެއް ބިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެ އިން މުދާ އެކްސްޕޯޓް ކޮށްފައިވާ މިންވަރަށް ބަލާ އިރު މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 1.2 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު މި އަހަރުގެ އެމުއްދަތުގައި 1.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން ވަނީ އެކްސްޕޯޓް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާ އިރު 17 އިންސައްތަ ކުރިއެރުމެކެވެ.

އެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އިން މުދާ އެންމެގިނައިން އެކްސްޕޯޓްކޮށްފައިވާ ތައިލެންޑަށް 390 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާ އިރު ދެވަނައަށް އެންމެގިނައިން އެކްސްޕޯޓްކޮށްފައިވާ އީރާނަށާއި ފްރާންސަށް 169 މިލިއަން ރުފިޔާ އާއި 165 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެ އެވެ.

މިއަހަރު ރާއްޖެ އަށް މުދާ އިމްޕޯޓްކޮށްފައިވާ ސިނާއަތް ތަކަށް ބަލާ އިރު އެންމެ ގިނައިން އިމްޕޯޓްކޮށްފައި ވަނީ ޕްރައިވެޓް ސެކްޓަރ އަށެވެ. އެއީ 51 އިންސައްތައެވެ. ޕަބްލިކް ސެކްޓާ އަށް 30 އިންސައްތަ އިމްޕޯޓްކޮށްފައިވާ އިރު، ފަތުރުވެރިކަމުގެ ސިނާއަތަށް 17 އިންސައްތަ އިމްޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން މި އަހަރުގެ ޖޫންގެ ނިޔަލަށް އަމިއްލަ ފަރާތްތަކުން ދިވެހިރާއްޖެ އިން 54 އިންސައްތައިގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ 46 އިންސައްތަ އެކްސްޕޯޓްކޮށްފަ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކަސްޓަމްސް އަށް ލިބުނު އާމްދަނީ އަށް ބަލާ އިރު މިދިޔަ އަހަރުގެ އެ މުއްދަތައް ވުރެ ލިބުނު އާންމުދަނީ ވެސް ވަނީ 14 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 638 މިލިއަން ރުފިޔާ ލިބިފައިވާ އިރު މި އަހަރުގެ އެ މުއްދަތުގައި 725 މިލިއަން ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.