11 Jul 2013, 15:47
ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 14 ވަނަ "ސީއާރުސީ ކަޕް"ގެ ފުރަތަމަ މެޗުގައި އެމްޓީ ޔުނައިޓެޑާއި، ޓީމް އެރައިވަލް 3-3 ން އެއްވަރުވެ، ދެވަނަ މެޗުން ވެލުއޭޝަން ވައިޒާ އަތުން 2-1ން މޮޅުވެ އެސްއޯއެސް ޖޫނިއާސްއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
އެ މުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ވާދަ ކުރާނީ، ޓީމް ފައިނޭންސްއާއި ޗެމްޕިއަންސް ޓީމެވެ. އަދި ދެވަނަ މެޗުގައި ވާދަކުރާނީ ވެލް ޑޮކް އެކްސްޕްރެސްއާއި ޕެސެންޖާ ޕްރޮސެސިން އެވެ.
ކަސްޓަމްސް މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާ ކުރުމާއި، ދުޅަހެޔޮކަން އިތުރުކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށް ކޮންމެ އަހަރުކު ބާއްވަމުން އަންނަތާ 14 އަހަރު ވެފައިވާ، ފުޓްސަލް މުބާރާތަކީ ރާއްޖޭގައި މެދު ކެނޑުމެއްނެތި މިގޮތަށް ބޭއްވޭ އެންމެ ދުވަސްވީ އެއް ފުޓްސަލް މުބާރާތެވެ.
މިއަހަރުގެ މުބާރާތުގައި ކަސްޓަމްގެ އެކި އެކި ސެކްޝަން ތަކުން ހޮވާލެވިފައިވާ 14 ޓީމެއް ބައިވެރި ވެފައިވާ އިރު، ޖުމުލަ 25 މެޗު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތް ކުރިއަށް ގެންދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.