ޅ. މާފިލާފުށީގައި ދިރިއުޅެމުން އަންނަ އާއިލާތައް އެ އަތޮޅު ނައިފަރަށް ބަދަލުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރު ހުސެއިން އަލީ މިއަދު ވިދާޅުވީ މާފިލާފުށީގެ އާއިލާތައް ނައިފަރަށް ބަދަލުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން އިއްޔެ ފަށައިފައިވާ ކަމަށާއި އެ މަސައްކަތް ކުރަމުން ގެންދަނީ ޅ. އަތޮޅު ކައުންސިލުން އެދިގެން ކަމަށެވެ. އެގޮތުން އިއްޔެ އެ ރަށުގެ ދެ އާއިލާއެއް ނައިފަރަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބުރަ މަސައްކަތެއް މިކުރެވެމުން ދަނީ. އާއިލާތަކާ އެކު އެމީހުން ހިފައިގެންގުޅޭ ސާމާނުތަކާ އެކު މުދާތައް ބަދަލުކުރުމުގެ މަސައްކަތް އިއްޔެ އާއި މިއަދު ވަނީ ކޮށްފައި،" ހުސެއިން އަލީ ވިދާޅުވި އެވެ.

އެ މަސައްކަތުގެ ދަށުން އިތުރު އާއިލާތައް އެ ރަށުން ނައިފަރަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރުގައި ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ނައިފަރަށް މީހުން ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިއަދު ނިމާލެވިފައިވާ އިރު ޅ. އަތޮޅު ކައުންސިލް އިދާރާގެ އިތުރުން، މާފިލާފުށީ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުން އެމްއެންޑީއެފަށް ލިބިފައިވާ ކަަމަށެވެ.

ގާތްގަނޑަކަށް 80 އެއްހާ މީހުން ދިރިއުޅެމުން އަންނަ މާފިލާފުއްޓަކީ ސަރުކާރުން ފަޅު ރަށެއްގެ ގޮތުގައި ކަނޑައާޅާފައިވާ ރަށެކެވެ. އަދި އެހިސާބުން ފެށިގެން އެރަށުގައި ދިރިއުޅޭ އާއިލާތައް އެއަތޮޅު އެހެން ރަށްރަށަށް ބަދަލުކުރުމާ ބޭހާ ކަންތައްތައް ވަނީ ފަށައިފަ އެވެ.