ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެގައުމަކުން އާސަންދާގެ ހިދުމަތްދޭން ފަށައިފި އެވެ.

އެންސްޕާގެ ޗެއާމަން ތޯރިގް އަލީ ލުތުފީ މިއަދު "ސަން" އަށް ވިދާޅުވީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެ އިން ބޭރުގެ ގައުމުތަކުގައި ވިސާގައި އެގައުމުތަކުގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"ތިންސަތޭކަ ނުވަދިހަ ހަތް ޕްރޮސީޖާސް ރާއްޖެ އިން ބޭރުގައި އެމްޕެނަލް ކުރެވިފައި ހުރި ގައުމުތަކުން އެގައުމެއްގައި ވިސާގައި ދިރިއުޅޭ ދިވެހިންނަށް އެވޭލަބަލްކޮށްފައި [ހޯދައިދީފައި] ވަނީ" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދައިގެ ހިދުމަތްދޭ ބޭރުގެ ހުރިހާ ހޮސްޕިޓަލަކުން ވެސް މިހާރު އެ ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

މީގެ ކުރިން ބޭރު ގައުމުތަކުން އާސަންދަ ހިދުމަތް ދެނީ ރާއްޖޭގެ ހޮސްޕިޓަލަކުން ދެއްކުމުން ޑޮކްޓަރުގެ ސެޓްފިކެޓްދޭ ފަރާތްތަކަށް އެކަނި އެވެ.

ބޭރުގައުމުތަކުގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތްދޭން ފަށާފައިވާ އިރު ދާދި ފަހުން ލަންކާ އަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ވަހީދު ވަނީ އެހިދުމަތްދޭނެ ކަމަށް ރަސްމީކޮށް ވިދާޅުވެފަ އެވެ.