ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލީއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް އަންނަ ހޯމަ ދުވަހު ހާޒިރުކުރަން ރޭ ނިންމައިފި އެވެ.

ސަރުކާރުގެ މަސްއޫލީއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ހައުސިން މިނިސްޓަރު ކޮމެޓީ އަށް ހާޒރު ކުރައްވަނީ ބައެއް ރަށްރަށުގެ ބަނދަރު ހަދަން ފަށައި އަދި އަނެއްބައި ރަށްރަށުގެ ބަނދަރުގެ މަސައްކަތް ފަށަން ބުނެފައިވާ ތާރީހަށް ނުފެށުމުގެ ސަބަބުން ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ނުވަ ރަށެއްގެ ބަނދަރުގެ މައްސަލަތަކެއް ކޮމެޓީ އަށް ހުށަހަޅާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގެ ބަނދަރުތަކުގެ މައްސަލާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އިސް ވެރިން ވެސް ހޯމަ ދުވަހު ކޮމެޓީ އަށް ހާޒިރު ކުރަން ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ކޮމެޓީ އަށް ހާޒިރު ކުރާ މައްސަލަތަކާ ބެހޭ ގޮތުން އަލީ ވަހީދު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރު ކޮމެޓީ އަށް ހާޒިރު ކުރަނީ ނ. މާފަރު އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާ ގުޅިގެން ކަމަށެވެ. އަދި އިންޓަނޭޝަނަލް ސިވިލްއޭވިއޭޝަން އޮގަނައިޒޭޝަން (އައިސީއޭއޯ)ގެ މިންގަނޑުތަކާ ހިލާފަށް އިންޓަނޭޝަނަލް އެއާޕޯޓްތަކެއް ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ވެސް މުގައްރިރު އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކްކުރުމާ ގުޅިގެން ޓޯކޮށްފައިވާ އުޅުނދުގެ ތެރެއިން މިހާތަނަށް ޖޫރިމަނާ ފައިސާ ނުދައްކާ ހުރި ވެހިކަލްތައް ނައްތާލާނެ ކަމަށް ފުލުހުން ބުނެފައި ވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޓްރާސްޕޯޓް މިނިސްޓަރު ހާޒިރުކޮށް ސުވާލު ކުރުމަށް ހަމެޖެހިފައިވާ ކަމަށެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއަކާ ދޭތެރޭ ސަރުކާރުން ކަންކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން އައިޖީއެމްޗްގެ އިސް ވެރިން ވެސް ކޮމެޓީ އަށް ހާޒިރު ކުރަން ނިންމާފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.