ފެމެލީ ޕްރޮޓެކްޝަން ޔުނިޓު (އެފްޕީޔޫ)ގެ ހިދުމަތް ސިއްހީ ފަރުވާދޭ އަމިއްލަ ތަންތަނަށާއި އަތޮޅުތަކާ ހަމައަށް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މާރިޔާ އަލީ ވިދާޅުވެއްޖެ އެވެ.


އައިޖީއެމްއެޗްގެ ފެމެލީ ޕްރޮޓެކްޝަން ޔުނިޓަށް ފަސް އަހަރު ފުރުމާގުޅިގެން ރޭ އައިޖީއެމްއެޗްގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އެފްޕީޔޫގެ ގޮތްޕެއް އެޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލުގައި މި އަހަރު ނިމުމުގެ ކުރިން ގާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް އަމިއްލަ ކްލިނިކްތަކާއި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ވެސް އެ ޔުނިޓުގެ ގޮފިތައް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އެ ޔުނިޓްގެ ހިދުމަތްފުޅާ ކުރުމަށް ނިންމާފައިވާ އިރު އައިޖީއެމްޗްގައި ދޭ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި މީހުންނަށް ލިބޭ ހާނީއްކަ އާއި ކުރިމަތިވާ ގޯނާ ތަކާ މެދު މީހުން އިތުރަށް ހޭލުންތެރި ކުރެވޭނީ ވެސް އެފްޕީޔޫގެ ހިދުމަތް ފުޅާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.


"މި ހިދުމަތްފުޅާކުރާ އިރު އައިޖީއެމްއެޗްގައި ދެވޭހިދުމަތް ހަރުދަނާކުރުމަކީ ވެސް މުހިންމުކަމެއް. ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށާއި މީހުން ހޭލުންތެރި ކުރުވުމަށް ހިދުމަތް އިތުރަށް ފުޅާކުރުމަކީ މުހިންމުކަމެއް. އެ މަސައްކަތުގައި އައިޖީއެމްއެޗަށް ހެލްތު މިނިސްޓްރީން އެހީވާނެ." އޭނާ ވިދާޅުވި އެވެ.


ރައްޔިތުން މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ގެވެށި އަނިޔާތައް ހުއްޓުވުމުގެ ބިލުގެ ސަބަބުން ވެސް އެ ޔުނުޓިގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބިލެއް ޑްރާފްޓުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި އެހެން ބާވަތްތަކުގެ ގޯނާތައް ހުއްޓުވުމަށް ބާރު އަޅާފައިވާނޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.


ޔޫފްޕީ އަކީ މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ އާއި މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން ޔޫއެންއެފްޕީ އާއި ޔުނިސެފާއި ޑަބްލިއުއެޗްއޯގެ އެހީގައި 2005 ވަނަ އަހަރުގެ އޯގަސްޓް މަހު އައިޖީއެމްއެޗްގައި ހުޅުވި ޔުނިޓެކެވެ.