މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ޑީއާރުޕީގެ ކުރީގެ ކައުންސިލް މެމްބަރު ޑރ. މުހައްމަދު ސައުދު ނިންމަވައިފި އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ސައުދު މިއަދު ވިދާޅުވީ ގިނަ ބައެއްގެ އެދުމުގެ މަތީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭނާއާ އެކު ބައެއް ސިޔާސީ ޕާޓީތަކާއި އަދި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އިސް ބައެއް ބޭފުޅުން ފެނިގެންދާނެ ކަމަށެވެ.

"އަޅުގަނޑާ އެކު ވެސް އެބަތިބި ދިވެހި ރައްޔިތުން ތާއިދުކުރާ އަދި މި ކަމުގައި މަސައްކަތްކޮށްދޭނެ މީހުން. މިއީކީ ވަކި ޕާޓީއަކުން ކުރާކަމެއް ނޫން. މިއީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގިނަ ބަޔަކު އެދެމުންދާތީ ނިންމި ނިންމެއް. އަޅުގަނޑަކީ ވެސް ބޮޑު ދެ ޕާޓީއެއްގެ ފައުންޑަރަކަށް އުޅުނު މީހެއް. އެހެންވީމާ އަޅުގަނޑަށް ވެސް ތާއީދުކުރާ ބަޔަކު އެބަތިބި،"

އަދި ކެމްޕެއިންގެ ހަރަކާތްތައް ރަސްމީކޮށް ފެށިގެންދާނީ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުން ކަމަށާއި މިހާރު ރާއްޖޭގައި ކުރަމުންދާ ކެމްޕެއިންތަކަކީ ކުރަން ޖެހޭ ކެމްޕެއިންތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގައި ކުރިއަށް މިދަނީ ކޮންމެހެން ކުރަން ޖެހޭ ކެމްޕެއިންތަކެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. މިހާރު އެ ދަނީ އެއްބަޔަކު އަނެއް ބަޔަކާ އަރާރުންވެ ތަޅާފޮޅުމުގެ ސަކަރާތް ކުރިއަށް އެދަނީ. ގައުމު ހަމަނުޖެހުމަށްދާ ކަހަލަ ކަންތައް މިހާރު ކުރިއަށް އެ ދަނީ. އެއީކީ ރިޔާސީ އިންތިހާބު ކެމްޕެއިނެއް ނޫން." ސައުދު ވިދާޅުވި އެވެ.

އޭގެ އިތުރުން ރަނިންމޭޓަކު ކަނޑައެޅުމަށް ޓަކައި ދެތިން ހަތަރު ފަރާތާ މަޝްވަރާކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ރަނިންމޭޓަކު އެނގިގެންދާނީ ފޯމް ހުށަހަޅާ އިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑީއާރުޕީގައި އިސްކޮށް އުޅުއްވުމަށް ފަހު އޭގެ ފަހުން ސައުދު ގުޅިވަޑައިގެންނެވީ ޕީޕީއެމް އާ އެވެ. ޕީޕީއެމްގެ އިންތިގާލީ ކައުންސިލްގައި ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ މެންބަރެއްގެ ގޮތުގައި ވެސް އޭނާ ހުންނެވި އެވެ.