11 Jul 2013, 14:30
މާލޭގައި ޕާކް ކުރާނެ އިމާރާތްތައް އަމިއްލަ ޚަރަދުގައި އެޅުމަށް ބޭރުގެ ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
މާލޭގައި ދުއްވާއެއްޗެހި ގިނަވެ ޕާކު ކުރުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން ވަނީ ހަ ބިމެއްގައި ޕާކްކުރާނެ އިމާރާތް ހެދުމަށް ނިންމައިފަ އެވެ.
އެ ބިންތަކުގެ ތެރޭގައި ހެންވޭރު ސަހަރާއާ އިންވެގެން އޮންނަ ބިމާއި ހީނާމާގޭގެ ބާކީ އޮންނަ ސަރަހައްދާއި ސޯސަންމާގެ، ނާސަރީ އާއި ސުޕްރީމްކޯޓު ފުރަގަހުގައި އޮންނަ ބިން ހިމެނެ އެވެ.
ސިޓީ ކައުންސިލް މެމްބަރު ޝުޖާއު މިއަދު ވިދާޅުވީ ބިންތައް ބެލުމަށް ފަހު ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭ ކޮރެއާ އާއި މެލޭޝިއާގެ އިތުރުން އިންޑިއާގެ ކުންފުނިތައް ހިމެނެ އެވެ.
ނަމަވެސް އަދި ހައުސިން މިނިސްޓްރީން ނިންމަން ޖެހޭ ބައެއް ލިޔެކިޔުންތައް ނުނިމިވާތީ ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކާ ބިންތައް ހަވާލު ކޮށްފައިނުވާ ކަމަށެވެ.
ނަމަވެސް ކުރިއަށް އޮތް ހަފްތާއެއް ތެރޭ އެކަން ނިމި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާ ބިންތައް ހަވާލު ކުރެވޭނެ ކަމަށް އުންމިދު ކުރައްވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.