ހާބަރު ސަރަައްދުގައި ހުންނަ ވިޔަފާރިވެރިންގެ މިސްކިތަށް ބަޔަކު ހަދިޔާކޮށްފައި ހުރި ކަދުރާއި ޖޫސްޕެކެޓްތައް ނެރުމަށް ސިޓީ ކައުންސިލުން އަންގައިގެން އެތަކެތި އެތަނުން ނެރެފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މާލޭގެ ބައެއް މިސްކިތްތަކުގައި ރޯދަ ވީއްލުމަށް ޓަކައި ހެޔޮ އެދޭ ބައެއް ފަރާތްތަކުން ހަދިޔާކޮށްފައި ހުންނަ ކަދުރާއި ޖޫސްޕެކެޓް ފަދަ އެއްޗެހި ނެރުމަށް މާލޭ ސިޓީ ކައުންސިލްގެ ހެލްތު ޑިޕާޓްމަންޓުން އިއްޔެ ވަނީ ބައެއް މިސްކިތްތަކަށް އަންގައިފަ އެވެ. ނަމަވެސް އެ ހުރިހާ މިސްކިތްތަކުން އެ އެންގުމާ އެއްގޮތަށް އަމަލްކޮށްފައިވާ ކަމެއް އެނގިފަ އެއް ނުވެ އެވެ.

ވިޔަފާރިވެރިންގެ މިސްކިތުގެ އޮފިޝަލަކު މިއަދު ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރޯދަ ވީއްލުމަށް ޓަކައި މިސްކިތުގައި ބަހައްޓާފައި ހުރި ކަދުރާއި ޖޫސްޕެކެޓް ފަދަ އެއްޗެތި މިސްކިތުގެ ތެރޭގައި ބަހައްޓާފައި ހުއްޓާ ސިޓީ ކައުންސިލުން އިއްޔެ ހަވީރު މިސްކިތަށް ގޮސް އެތަކެތި މިސްކިތުން ބޭރު ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ ތަކެތި އޭގެ ވެރިފަރާތްތަކާ ހަވާލުކުރީ ސިޓީ ކައުންސިލްގެ އެންގުމާ އެއްގޮތަށް އަމަލް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޓީ ކައުންސިލުން ބުނީ އެކަމަކީ މާލިއްޔަތުގެ ގާނޫނުން މަނާކުރާ ކަމެއް ކަމަށް، ކަދުރާއި ޖޫސް ފަދަ އެއްޗެހި ބޭރުކުރަން އެންގި ނަމަވެސް ބޯފެން ނެރޭކަށް ނާންގާ، އެ އެއްޗެހި ނެރުނިން އިރުއޮއްސުމުގެ ކުރިން، ނަމަވެސް ރޯދަ ވީއްލަންވީ އިރު އަނެއްކާ ވެސް ހެޔޮއެދޭ ބަޔަކު ހުރީ އެތަނަށް ރޯދަ ވީއްލޭނެ ގޮތަށް ކަދުރާއި ޖޫސްފަދަ އެއްޗެހި ގެނެސްފައި،" އޭނާ ވިދާޅުވި އެވެ.

މިސްކިތްތަކުގައި ރޯދަ ވިއްލުމުގެ ކަންކަން އެންމެ ކުރިއްސުރެން ފެށިގެން ކުރަމުން ގެންދަނީ ހެޔޮއެދޭ އަމިއްލަ ފަރާތްތަކެއްގެ އެހީތެރިކަމާ އެކުގަ އެވެ. އެގޮތުން ކަދުރާއި ޖޫހާއި އަދި މިނޫސް ވެސް އެއްޗެހި މިސްކިތަކަށް ބައެއް ފަރާތްތަކުން ޒަމާނުއްސުރެ ގެންދަނީ ހަދިޔާ ކުރަމުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ މާލޭގެ ބައެއް މިސްކިތްތަކަށް އިއްޔެ ސިޓީ ކައުންސިލްގެ ސިއްހީ ޑިޕާޓްމަންޓުން އެގޮތަށް އަންގާފައި ވަނީ ކަން އޮތް ގޮތް ރަނގަޅަށް ނޭނގޭތީ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކަމުގެ މައުލޫމާތު ލިބިވަޑައިގެން އެކަމާ މެދު ފިޔަވަޅު އަޅައިފައިވާނެ، އެގޮތުން އެ ކައުންސިލްގެ ސިއްހީ ޑިޕާޓްމަންޓާ ވާހަކަ ދައްކައިގެން މިސްކިތްތަކުގައި ރޯދަ ވިއްލުމަށް ކުރަމުން ގެންދާ ކަންތައްތަކަށް ކައުންސިލްގެ އެއްބާރުލުން ދިނުމަށް ވާނީ ނިންމައިފައި. އެކަމަށް އެއްވެސް ހުރަހެއް ކައުންސިލުން ނާޅާނެ، އަޅުގަނޑުމެން މިހާރު ވާނީ އެކަންތައް ރަނގަޅު ކުރުމަށް އަންގާފައި،" ސުޖާއު ވިދާޅުވި އެވެ.