މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ލައިގެން ހުރި ޖީންސުން ނެގި ސާމްޕަލުން ހެދި ޑީއެންއޭ ދިމާވުމުގެ ފުރުސަތު އޮތީ ދުނިޔޭގެ އާބާދީގެ 9.8 ބިލިއަން މީހުންގެ ތެރެއިން އެންމެ މީހަކާ ކަމަށް ޑީއެންއޭ ތަހުލީލު ކުރި ފުލުސް އޮފިސަރު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން އޭނާ ވިދާޅުވީ ހުމާމް ލައިގެން ހުރި ޖީންސުން ނެގި ސާމްޕަލުން ހެދި ޑީއެންއޭ އަފްރާޝީމްގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ. ނަމަވެސް އެ ސާމްޕަލްގެ ކުޑަކަމުން އެއީ ކޯއްޗެއް ކަމެއް ނޭނގޭ ކަމަށް ވެސް ޑީއެންއޭ ތަހުލީލުކުރި ފުލުސް އޮފިސަރު ވިދާޅުވި އެވެ.

ޑީއެންއޭ ތަހުލީލު ކުރި ފުލުސް އޮފިސަރު ވަނީ ދައުލަތުގެ ފަރާތުންނާއި ހުމާމްގެ ދިފާއީ ވަކީލު އަބްދުﷲ ހަސީން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.

ހުމާމްގެ ދިފާއީ ވަކީލު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ ހުމާމް ލައިގެން ހުރި ޖީންސަށް ޑީއެންއޭ ވާސިލްވީ ހާދިސާ ހިނގިފަހުންތޯ ނުވަތަ ނޫންތޯ ނޭނގޭނެ ކަމަށެވެ.

އެ މައްސަލައިގައި ހިމެނޭ "ޗޭން އޮފް ކަސްޓަޑީ ރިޕޯޓް" ލިބިފައިނުވާތީ އެ ރިޕޯޓު ބޭނުންވާކަމަށް ހުމާމްގެ ދިފާއީ ވަކީލު ހަސީން ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ރިޕޯޓު ކޯޓަށް ހުށަހަޅާފައިނުވާނެ ކަމަށާއި ދިފައީ ވަކީލު ބޭނުންވާ ނަމަ އެ ރިޕޯޓު ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ޗޭން އޮފް ކަސްޓަޑީ ރިޕޯޓަކީ ކުށުގެ ވެށިން ހައްޔަރު ކުރާ މީހުންނާއި ގެނެވޭ ތަކެތިން ނަގާ ފޮރެންސިކް ސާމްޕަލްތައް ނަގައި ރައްކާކޮށް ލެބޯޓަރީ އާ ހަމަޔަށް ވާސިލްވުމާ ހަމަޔަށް ކަންހިނގައި ދިޔަ ގޮތް އަންގައިދޭ ރިޕޯޓެކެވެ.

ހަސީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ އިއުތިރާފު ބަޔާން ސޯޝަލް މީޑިއާގައި ލީކްވެފައިވާ އިރު އެ ބަޔާނަށް ބެލުމުން ހުމާމްއާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދީފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލި ވަގުތު އެގޭ ކައިރީ ފާރައަށް ހުރިކަމަށް ބުނާ ކުއްޖާ ކަން އެނގޭ ކަމަށެވެ.

އޭނާ އަކީ ޝަރުތު ފުރިހަމަނުވާ ހެއްކެއް ކަމަށާއި ކޯޓުން ފުރުސަތުދީފި ނަމަ އެކަން ސާބިތުކުރުމަށް ހެކި ހުށަހަޅާނެ ކަމަށް ވެސް ހަސީން ވިދާޅުވި އެވެ. ނަމަވެސް އެވާހަކަތަކާ ގުޅިގެން ގާޒީ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ފަހުން ތާވަލް ކުރައްވާނެ ކަމަށެވެ.

ހުމާމްގެ މައްޗަށް ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް ނަގައި އަދި ނުނިމެ އެވެ.