ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާ އެކު ކޯލިޝަންގައި ހަދާފައިވާ ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބަށް ކެންޕެއިން ކުރުމަށް އޮކްޓޯބަރު މަހުގެ ނިޔަލަށް ކާނިވާ ސްޓޭޖް ސަރަހައްދު ހައުސިން މިނިސްޓްރީން ދީފި އެވެ.

ގައުމައިގެން ކުރިއަށް ކޯލިޝަންގެ ސްޕޯކްސްޕާޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ ކާނިވާ ސްޓޭޖް ސަރަހައްދު ކޯލިޝަންގެ ކޯލިޝަނަށް ދީފައި ވަނީ ކޯލިޝަނުން މިނިސްޓްރީގައި އެދުމުން ކަމަށެވެ. އަދި އެ ސަރަހައްދު ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ލިޔުމުން ހުއްދަ ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ސަރަހައްދު ހޯދަން އެދުނު އިރު އެނގިފައިވާ ގޮތުގައި އެތަނަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަނެއް، އެހެންވެ އަޅުގަނޑުމެން ކޯލިޝަންގެ އެކިއެކި ހަރަކާތްތައް ކާނިވާ ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދާނީ ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން،" ނާފިޒު ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ސަރުކާރުގެ ކޯލިޝަންގައި މިހާރު ހިމެނޭ ޕާޓީތަކަކީ ގައުމީ ޕާޓީ އާއި ގައުމީ އިއްތިހާދު ޕާޓީގެ އިތުރުން ޑީއާރުޕީ އެވެ. އަދާލަތުން ރޭ ވަނީ ކޯލިޝަނުން ވަކިވެފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ އެކަމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ރައީސް ވަހީދު އިސްވެ ހުުންނަވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ. އަލިމަސް ކާނިވާ ސަރަހައްދަކީ މާލެ ސިޓީ ކައުންސިލަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ބިމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.