11 Jul 2013, 13:25
(08 ޖުލައިގެ އަދަދާއި ގުޅޭ)
ދޮރުމަތީ މީހަކު ހުރިކަން އެނގިގެން ބަލައިލައިފައި އިޔަން ފެނިގެން ޒަމީހާ އަވަހަށް އައެވެ. "ކިހިނެއްތަ؟ ދައްތަގެ ފޭވަރިޓް ބޯއި!" ޒަމީހާ އުފަލާ އެކު އަހައިލި އެވެ. "ރަނގަޅު. ކޮންއިރަކުން ދައްތަ ފުރަނީ؟" އިޔަން ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. "ހެހެހެ.. ހާދަ އަވަހަކަށް ފޮނުވައިލަން ތިއުޅެނީ. އަދި އައިގޮތަށް ހަމަޖެހިނުލެވިގެން މިއުޅެނީ." ޒަމީހާ ހީގަތެވެ. އިޔަން އަމިއްލަ ދިފާޢުގައި އެއްޗެއްވެސް ނުބުނެ ބަލަން ހުރީއެވެ. "މަންމަ ދައްކާ ވާހަކަ. އެއީ އިޔަން އެގޮތަށް މީންކޮށްފަ ބުނިއެއްޗެއް ނޫނޭ." މިއާއަށް ކެތްނުވެގެން އައިސް ހުއްޓިފައި އަވަހަށް އިޔަން ދިފާޢު ކުރިއެވެ. "މަންމައަށް އިނގެއޭ." މިއާގެ ވާހަކައިން ޒަމީހާއަށް އަނެއްކާ ހެވުނެވެ. ޒަމީހާ އިޔަން މަޑުކުރުވާފައި އިރުކޮޅަކުން އައީ ކުޑަ މަހުމާ ފޮށްޓެއް ހިފައިގެންނެވެ. "ރީތިތަ؟ މީ ދައްތަ އިޔަންއަށް ގެނަ ހަދިޔާއެއް." ޒަމީހާ އެފޮށި ހުޅުވާފައި އެތެރޭގައި އިން ރިހި"ބްރިޓްލިން" ގަޑި ދައްކައިލިއެވެ. "ވަރަށް ރީތި." އިޔަން އަށްވުރެ ކުރިން ޖަވާބު ދިނީ މިއާ އެވެ. ޒަމީހާ ފޮށި އަތަށް ލައި ދިނުމުން އިޔަން އެހިފައިގެން އަވަހަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެވުމުން ގަޑި މޭޒު މައްޗަށް ދޫކޮށްލައިފައި އިޔަން ޖައްސައިލީ އެނދުގައެވެ. ލޯމަރައިލުމުން ބަންދު އެސްފިޔަތަކުންވެސް ފެނުނީ ޒޯހާ އެވެ. އިޔަން ލުއި ހިނިތުންވުމަކާއެކު ހިތާއި ދިމާއިން މޭގައި އަތް އަޅާލައިގެން އޮތްވާ ފޯނަށް މެސެޖެއް އައެވެ. އަވަހަށް ބަލައިލި އިރު މޯޑުގެ މެސެޖެކެވެ. އިޔަން މޯޑުގެ ނަންބަރަށް ގުޅާފައި ބޯދަށަށް ބާލީހެއް ލައްވާލައިގެން ރީތިކޮށް ހަމަޖެހިލިއެވެ. ޒޯހާގެ ގޭގައި ވީ ކަންތައް ކިޔައި ދިނުމުން މޯޑު ހީހީ ބަލިވިއެވެ. އިޔަން ފޯނުގައި އޮތްވައި ކޮޓަރި ދޮރު ހުޅުވައިލުމުން ސިއްސައިގެން ދިޔައެވެ. ޒަމީހާ ދޮރު ކައިރީގައި ހުއްޓިލައިގެން ހުއްޓާ ފެނިގެން އިޔަންއަށް އަވަސް އަވަހަށް ތެދުވެވިއްޖެއެވެ. "ލަންޗް ރެޑީވެފަ ހުރީމަ ގޮވަން މިއައީ." ޒަމީހާގެ ވާހަކައިން އިޔަންއަށް ލިބުނީ ފޫހިކަމެވެ. އެހާވަރަކުން ޒަމީހާ އެއުޅެނީ ޔަޤީނުންވެސް ކޮންމެވެސް ބޭނުމަކުއެވެ. އިޔަން މިދަނީއޭ ބުނެފައި އަނެއްކާވެސް ފޯނުން ވާހަކަ ދައްކަން ފެށިއެވެ. ޒޯހާމެން ގެއަށް ގޮސް ކުޑަގޮތެއް ހަދާލައިގެން އައި ނަމަވެސް މޭޒު ދޮށަށް ނުގޮސް ހުންނާކަށް ނުކެރުނެވެ. ގަޑިއަށް ކާން ދިއުމަކީ ގަވާއިދުގެ ތެރެއިން ހިމެނޭ މުހިންމު ނުކުތާއެކެވެ. އެހެންނޫނީ ބައްޕަގެ ނުރުހުމުގެ އަމާޒުފަތްގަނޑަކަށް އޭނާ ވާނެއެވެ.
މިއާ އިނީ އެންމެންނަށް ވުރެ އުފާވެފައެވެ. އެންމެ ބަލައިލުމަކުން އިޔަންއަށް ފާހަގަ ކުރެވިގެން އެވާހަކަ ބުނެލައިފިއެވެ. އެހެން އެންމެންގެ ނަޒަރުވެސް މިއާގެ މޫނަށް އެވަގުތު ހުއްޓުނެވެ. "އިޔަން ހެންޑްސަމްކަމުން ނުވެސް އެނގުނު. ޝާފިއްތަ ކޯއްޗެއްތަ ކާންދެނީ އޭނައަށް؟" ހަމީދުއަށްވެސް ބަލައިލުމެއްނެތި ޒަމީހާ ފެށި ވާހަކަ އަކުން އިޔަން ކޮށި ނޭރީ ކިރިޔާއެވެ. ޝާފިޔާ ހީލައިފައި ބަލައިލީ އިޔަންގެ މޫނަށެވެ. އިޔަން އަނގައިގައި ހުރި ކާއެތިކޮޅު ރަނގަޅަށް ނުހެފެނީސް ދިރުވައިވެސް ލެވިއްޖެއެވެ. ޒަމީހާ އޭނާ އާއި އަޅައިގަނެގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ "ދަރިފުޅާ ރާވިދުބެގެ ހާލު ކިހިނެއް ހުރީ؟" އެދަނޑިވަޅުގައި ހަމީދު މައުޟޫ ބަދަލު ކޮށްލުމުން އިޔަންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. "ރާވިދުބެ ހުން އައިސްގެން އުޅެނީ. އެކަމަކު ބޭސްކައިގެން މިހާރު ތަންކޮޅެއް ރަނގަޅު." އިޔަން ގަޔާވެފައި ކިޔައިދިނެވެ. "ކެއުމުން އަވަދިވެގެން ބައްޕަގެ ކޮޓަރިއަށް ގޮސްލާތި. ރާވިދުބެ ޑޮކްޓަރަށް ދައްކަން ފައިސާކޮޅެއް ދަރިފުޅު ހަވާލުގަ ފޮނުވަން ވެގެން." ހަމީދު ބުނެލި ވާހަކަ އަކުން އިޔަންގެ ހިތް އުފަލުން ނަށައިގަތެވެ. އަނެއްކާ ޒޯހާ ދެކިލުމުގެ ނަސީބު ލިބެނީއެވެ.
"މިގޭގައި ސެކިއުރިޓީ ބަލަހައްޓަން އެހުންނަ މީހާގެ ވާހަކަތަ ތިދައްކަނީ؟" ޒަމީހާ އެވަގުތުވެސް ވާހަކައަށް އަނގަ ބާނައިފިއެވެ. "ކީއްކުރަން އެމީހުންނަށް ފައިސާ ދެނީ ބޭބެ؟ މަހު މުސާރައިން ބޭސް ފަރުވާއެއް ނުކުރެވޭނެތަ؟ ތިގޮތަށް ކޮންމެ ފަހަރަކު ފައިސާ ދެންޏާ އެމީހުން ފޭކްވެސް ޖައްސާނެ." ޝާފިޔާ ބޯ ޖަހައިލުމުން ޒަމީހާ ބުނެލައިފި އެވެ. އެވަގުތު ނަޝީދު ވެސް ލޯ ބޮޑުކޮށްފައި ޒަމީހާގެ އަތުގައި ހިފައި ހިމޭންވުމަށް އަންގައިލި އެވެ. ޝާފިޔާ ވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "ރާވިދު އަކީ މަސައްކަތަށް ވަރަށް ވަފާތެރި މީހެއް." ހަމީދު ބުނެލީ ހަމަ އެންމެ ޖުމްލަ އެކެވެ.
ހަތަރެއް ޖަހަން ކައިރިވެފައި ހުއްޓާ އިޔަން ފެންވަރާލައިގެން ނިކުތެވެ. އިޔަން ތައްޔާރު ވެލައިގެން ނިކުންނަމުން ބައްޕަ ދިން ސިޓީއުރަ ޖިންސްގެ ޖީބަށް ކޮށްޕައިލި އެވެ. އިޔަން ސައިކަލަށް އެރިފަހުން މިއާ ދުވަމުން އައީ ފިހާރަ އަކަށް ގެންގޮސްދޭށޭ ކިޔައިފައެވެ. "މިއާ. އަހަރެން މިދަނީ ބައްޕަ ބުނެގެން ރާވިދުބެއަށް ފައިސާކޮޅު ހަވާލު ކުރަން." އިޔަން ބޭނުންވީ މިއާ ފޮނުވައިލާށެވެ. "އިޓްސް އޯކޭ. އަހަރެން އިޔާއެކު އެގެއަށް ހިނގައިދާނަން. އެތަނުން ނިމިގެން ފިހާރައަށް ދިޔައީމަވީނު." މިއާ އަމިއްލައަކަށް ސައިކަލު ފަހަތަށްވެސް އަރައިފިއެވެ. "ދެން ހިނގާބަލަ!" އިޔަން އެއްޗެއް ނުބުނެ އިންދާ މިއާ ބުރަކަށީގައި މަޑުމަޑުން ތަޅާލިއެވެ. އިޔަން ސައިކަލު ދުއްވައިލީ އެހެން ގޮތެއް ނެތިގެން ކަހަލަ އެވެ.
ރާވިދުމެން ގޭ ދޮރުމައްޗަށް މަޑުކޮށްފައި އިޔަން ފޭބުމުން މިއާވެސް ފައިބައިގެން ފަހަތުން އަޅުވާލައިފިއެވެ. "އާ ޔޫ ޝުއަރ އިޓްސް އަ ގުޑް އައިޑިއާ؟" އިޔަން މަސައްކަތް ކުރީ މިއާ ހުއްޓުވާށެވެ. "ކޮބައިތަ މައްސަލައަކީ؟" އިޔަން އުޅުނު ގޮތުން މިއާ ހިސާބަކަށް ހިތްހަމަނުޖެހުނެވެ. އިޔަން މިފަހަރުވެސް ހަތިޔާރު ބަހައްޓާފައި ގޮސް ދޮރުގައި ޓަކި ޖަހައިފިއެވެ. "އިޔަން؟" ޝަހާމާ ދޮރު ހުޅުވައިލާފައި ހައިރާންކަން ފައުޅުކުރިއެވެ. "އާދޭ އެތެރެއަށް!" ޝަހާމާ އެމީހުން ވަންނަން ތަންދައްކާފައި ދުރަށްޖެހިލިއެވެ. "ބައްޕަ ބުނެގެން މި ހަވާލު ކުރަން މިއައީ. ރާވިދުބެ ޑޮކްޓަރަށް ދައްކަން ބައްޕަ ދިން ފައިސާ ކޮޅެއް." އިޔަން ދެކޮޅު ހޯދައިލައިފައި ސިޓީއުރަ ދިއްކޮށްލިއެވެ. "އެކަމަކު ކޮއްކޯ. ކޮބާ ތީގެ ބޭނުމަކީ." ޝަހާމާ އޭގައި ނުހިފަންވެގެން ބުނެލިއެވެ. "ބައްޕަ ބުނީ މި ކޮންމެހެންވެސް ހަވާލު ކުރައްޗޭ. އެހެންނޫނީ ބައްޕަ ރުޅިއަންނާނީ އަހަރެން ދެކެ." އިޔަން އެހެން ބުނެލުމުން ޝަހާމާ ބަލަން ހުރެފައި އެންމެފަހުން އޭގައި ހިފައިފިއެވެ. މިއާ އިޔަންގެ މުލައްދަނޑީގައި ހިފާފައި އަވަހަށް ނިކުންނަން ބުނެލީ އެވަގުތުއެވެ. އިޔަންއަށްވެސް ކުޑަކޮށް އުދަނގޫވިއެވެ. ޝަހާމާ ހިތަށް އަރާނީ އަދި ކީކޭ ހެއްޔެވެ؟ "ދެން ދަނީ." އިޔަންވެސް މިއާ ކައިރީގައި ހުރުމުން ކޮންމެހެން މަޑު ކުރާކަށް ގަސްތެއް ނުކުރިއެވެ.
ފިހާރައަށް ގޮސް މިއާ ބޭނުން އެއްޗެއް ގަނެގެން ދެމީހުން ގެއަށް ގޮސް ވަންއިރު ސިޓިންރޫމް ސޯފާތަކުގައި ޝާފިޔާ އިނީ ފޯނެއްގައެވެ. އިޔަން ގޮސް ޓީވީ ހުޅުވައިގެން ސޯފާއެއްގައި ޖައްސައިލިއެވެ. މިއާ ވަދެގެން ދިޔައީ ގަން އެއްޗެހި ޒަމީހާއަށް ދައްކާށެވެ. "ކާކު ގެންނަ ވާހަކައެއް މަންމަ ތިކިޔަނީ؟" އިޔަންއަށް ޝާފިޔާގެ ވާހަކައިން ކޮންމެވެސް މިންވަރެއް އަޑު އިވިގެން އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ. "ގޭގައި އުޅޭ ދެ ނޯކަރުން އެއްފަހަރާ ޗުއްޓީ ނެގީމަ މަންމައަށް އަތް ގާތް ކޮށްލަ ދޭން ކުއްޖަކު ގެންނަން މިއުޅެނީ. ވީގޮތަކީ މަންމައަށް މިއަދު ރާވިދުބޭ އަންހެނުން ޝާފިޔާ އާއި ބައްދަލުވީ ބޭރު ތެރެއިން. ކުއްލި އަކަށް ހަނދާންވީ އެގޭގައި ތިން އަންހެން ކުދިން އުޅޭނެކަން. ޗުއްޓީވީމަ ކޮންމެ ކުއްޖަކަށްވެސް އާދެވޭނެ އެއްނު. އަނެއްކޮޅުން ފައިސާ ކޮޅެއް ވެސް އިތުރުވާނެ އެމީހުންނަށް." ޝާފިޔާގެ ވާހަކަ އަހާފައި އިޔަންގެ ހިތް އަވަސްވިއެވެ. "ދެން ކިހިނެއްވީ؟ ދައްތަ އެއްބަސްވިތަ؟" އިޔަންއަށް ނާހައި ދޫކޮށެއް ނުލެވުނެވެ.
ޝާފިޔާ ހިނިތުންވެފައި ބޯ ޖަހައިލިއެވެ. އިޔަން ކިތަންމެ ބޭނުންވިއަސް އެއީ ޒޯހާކަން ނުވަތަ ނޫންކަން އޮޅުންފިލުވާކަށް ނުކެރުނެވެ.
ޖެހިގެން އައި ހެނދުނު އިޔަން ނިކަން އަވަހަށް ތެދުވިއެވެ. ފެންވަރާލައިގެން ފުރަތަމަވެސް އޭނާ މިސްރާބު ޖެހީ ބަދިގެއަށެވެ. ހެނދުނު ހެނދުނާ މާހައުލުވެސް ފިނިކަމުން ކޮފީއެއް ބޯލަން އިޔަން ނުހަނު ބޭނުންވިއެވެ. ބަދިގެއާއި ހަމަވެފައި ބޯ ދިއްކޮށްލުމުން މަންމަ އިންދާ ފެނުނީ މޭޒު ދޮށުގައި ކޮފީ މަގެއް ހިފާލައިގެން ވާހަކަ ފޮތެއް ކިޔާށެވެ. "މޯނިން މަންމާ." އިޔަން އެތެރެއަށް ފިޔަވަޅެއް އަޅާފައި ގޮވައިލިއެވެ. ޝާފިޔާ ފޮތް ތިރިކޮށްލައިފައި ހިނިތުންވެލިއެވެ. އިޔަން އައިސް އިށީންދެލުމުން އިތުރު ކޮފީއެއް ހަދައިގެން ގެނެސް އިޔަންއަށް ދިނެވެ. "ހާދަ ހެނދުނަކާ ތި ތެދުވީ؟ ހުރިހާ ކަމެއް ރަނގަޅުތަ؟" ޝާފިޔާ އަހާލައިފިއެވެ. "ރަނގަޅު. ދެން ހަމަ އަވަހަށް ހޭލެވުނީ." އިޔަން ކޮފީ ކޯވަރެއް ބޯލައިފައި މަންމަގެ މޫނަށް ބަލައިލިއެވެ. އިރުކޮޅަކުން ގޭގެ ބެލް ޖަހައިލި އަޑު އިވިގެން ޝާފިޔާ ތެދުވެއްޖެއެވެ. ޝާފިޔާ ނިކުތްފަހުން އިޔަން ކޮފީ މަގު ހިއްލާލައިގެން ދޮރާއި ހަމައަށް ގޮސް ބަލަން ހުއްޓެވެ. ގޭގެ މައި ދޮރުން ވަދެގެން ތަންކޮޅަކަށް އައުމުން އެތާ ހުރެވެސް އެކުއްޖަކު ފެންނާނެއެވެ.
އިޔަންގެ ރީތި ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ޒޯހާ ފެނުނީމައެވެ. އަޅިކުލައިގެ ދޫ ހެދުމެއްގައި ވެސް އެސޫރައަށް ފަނޑުކަމެއް ނާދެއެވެ. ބީރައްޓެހި ލޮލަކުން ވަށައިގެން ލޯ ހިންގައިލައިފައި ދެއަތް ތިލަ ގުޅުވާލައިގެން ހުރެ މަންމަ ދެއްކި ސޯފާގައި ނިކަން ކުޑަކޮށް ފޫ ޖައްސާލައިގެން ޒޯހާ އިށީންދެލުމުން އިޔަން އެތެރެއަށް ވަދެ އިށީންދެލިއެވެ. ޝާފިޔާ ބަދިގެއަށް އައިސް ޒޯހާއަށް ދޭން ބުއިމެއް ތައްޔާރު ކުރުމުގެ މަސައްކަތް ފެށުމުން އިޔަން އެދަނޑިވަޅުގެ ބޭނުން ހިފިއެވެ.
އިޔަން ކޮފީ ތައްޓާއެކު ގޮސް ޒޯހާގެ ކުރިމައްޗަށް ހުއްޓުނު ފަހުން ޒޯހާ އިސް އުފުލައިލާފައި ދެވަނަ ސިކުންތުގައި ފުންމައިގެން ތެދުވިއެވެ. "އިޔަން!" ޒޯހާ ހުރީ ދެލޯ ބޮޑުވެފައެވެ. "ކީއްވެ ތި ތެދުވީ؟ އަވަހަށް އިށީންދޭ!" އިޔަން ހެވިލާފައި ކުރިމަތީގައި ހުރި ސޯފާގައި އިށީންދެލިއެވެ. ޒޯހާ އިށީންދެފައިވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިޔަންއަކީ ބައްޕަ މަސައްކަތް ކުރާ ގޭ ބޮޑުމީހާގެ ދަރިއެއްކަން އަދި ކިރިޔާ އޭނާއަށް ރޭކާލީއެވެ. އިއްޔެ އެގެއަށް ގޮސްގެން މަންމަމެން އެހާ ވަރަކުން އުޅުނީމައިވެސް އޮތީ ކާކުކަން އޮޅުން ނުފިލާފައެވެ. ޒޯހާ ކުއްލި އަކަށް ހަނދާންވީ ރިސޯޓަށް ގޮސް އުޅުނު ދަތުރު ފަތާ ފެންގަނޑަށް އެރިފައި އިޔަން ކައިރީ ދެއްކުނު ވާހަކައެވެ. ވަގުތުން އެމޫނު ރަތް ލޭކޮޅަކަށް ވިއެވެ. އެވަގުތު ޝާފިޔާ އައިސް ކައިރިއަށް ހުއްޓުމުން ޒޯހާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. "އިޔަން މިހާރު ޒޯހާ ކައިރީ ކޯއްޗެކޭ ތިކިޔަނީ؟" ޝާފިޔާއަށް އިޔަންގެ ސަމާސާ މިޒާޖު އެނގޭތީ ބުނެލިއެވެ. އިޔަން އެއްޗެކޭ ނުބުނެ ލުއި ހީލުމަކަށްފަހު ތެދުވެގެން ދަމުން އަދި އެއްފަހަރު ފަސްއެނބުރި ބަލައިލި އެވެ. ޒޯހާވެސް ޝާފިޔާ ދިއްކޮށްލި މަގުގައި ހިފާފައި ކުޑަކޮށް އެސްފިޔަތައް އުފުލައިގެން ބަލައިލީ އިޔަން އަށެވެ. އެވަގުތު އިޔަން އެއް ލޯ މަރައިލުމުން ޒޯހާ އަވަހަށް ތުންފަތުގައި ދަތް އަޅާފައި އަނެއްފަރާތަށް މޫނު އަނބުރާލައިފި އެވެ. ހާދަ ލަދުރަކި ކުއްޖެކެވެ. އިޔަން ގާތަށް ހިނި އައެވެ. ކޮޓަރިއަށް ވަދެފައި އެނދަށް ވެއްޓިގަނެގެން އިޔަން އޮތީ ހެޑްސެޓް ޖަހައިގެން ރީތި ލަވައެއް އަޑު އަހާށެވެ.
ފަހަރަކު މީހަކު އައިސް ސައިމޭޒު ދޮށަށް ހަމަވަމުން ދިޔައިރު ޒޯހާ ދުރުގައި ހުއްޓިލައިގެން ހުރެފައި ޝާފިޔާ އިޝާރާތް ކޮށްލުމުން އައިސް ބިއްލޫރި ތަށިތަކަށް ޖޫސް އަޅަން ފެށިއެވެ. އިޔަން އޭނާއަށް ހާއްސަ ގޮނޑީގައި އިށީންދެފައި ބަލައިލުމުން ޒޯހާ ފެނުނީ ނިކަން ނުތަނަވަސްވެފައި ހުއްޓައެވެ. އިޔަން ހަމްދަރްދީވިއެވެ. "މީތަ ދައްތަ ނޯކިރީ ކުރަން ގެނަ ކުއްޖަކީ؟" ބަންގާޅިއަކުވެސް މިއަށްވުރެ ރަނގަޅުވާނެ." ޒަމީހާ އެންމެފަހުން ވަދެފައި ޒޯހާ ފެނިގެން ބުނެލައިފިއެވެ. "ޒަމީހާ!" ނަޝީދު ވަގުތުން ގޮވައިލިއެވެ. ހަމީދުގެ ނިތަށްވެސް ރޫ އަރައިފިއެވެ. އަނެއްކޮޅުން އިޔަން އިނީ ދަތްކުނޑި ވިކިފައެވެ. "ދޮގު ވާހަކައެއްތަ މިބުނެވުނީ؟ ބަލާބަ ލައިގެން ހުރި ހެދުން. ނޭނގެ ކޮންތާކު އުޅެފަ އައިސް ހުރި ކުއްޖެއް ކަމެއްވެސް. މިކަހަލަ ފަޤީރު ކުދިން ކާއެއްޗެހީގަ އަތް އުނގުޅީމަ ޖަރާސީމު ވާނެ." ޒަމީހާ މޫނު ކުނިކޮށްފައި ބޭނުން ހުރިހާ ވާހަކައެއް ގޮވައިލީ އެހެން މީހެއްގެ މޫނަށް ކަނދުރާއަކަށް ބަލައިލުމެއް ނެތިއެވެ. ޒޯހާ ހިލައިގެ ބުދެއްހެން ހުއްޓުން އަރައިފައި ހުއްޓާ ދެލޮލަށް ކަރުނަ ޖަމާވިތަން އެންމެންނަށް ފެނުނެވެ. ޒޯހާއަށް ވީ ގޮތް ފެނިފައި މިއާވެސް އިނީ ރޮވެން ކައިރިވެފައެވެ. "ޒޯހާ ދޭ ދެން ބޭރަށް. ބޭނުންވީމަ ދައްތަ ގޮވާލާނަން." ޝާފިޔާ ތެދުވެފައި ޒޯހާ އަތުން ޖަގު އަތުލައިގެން މޭޒު މަތީ ބަހައްޓައިލި އެވެ. ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްފައި ޒޯހާ އަވަހަށް ނިކުމެގެން ދިޔައެވެ.
"ޒަމީހާ. ޒޯހާ އެއީ ނޯކަރެއް ނޫނޭ. އެއީ ކުޑަ ދުވަސްކޮޅަކަށް އަހަރެންނަށް އަތް ގާތްކޮށްލަދޭން ގެނަ ކުއްޖެއް. އެހެންނޫނަސް ޒަމީހާ އެއްނު ބުނީ ބަންގާޅިންނަށްވުރެ ދިވެހި ކުދިން މަސައްކަތަށް ރަނގަޅުވާނެ ވާހަކަ. ދެން ކޯއްޗެކޭ ތިކިޔަނީ." ޝާފިޔާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ. "ދައްތައަށްވެސް އަހަރެން ދޯ ގޯސްވީ. އަޅެ އަހަރެން ދެއްކި ވާހަކައިގަ ކޮބައިތަ ގޯހެއް." ޒަމީހާއަށް އެވަރުންވެސް އަމިއްލަ ނަފްސް ދެރައެއް ނުވިއެވެ. އެވާހަކަތައް އަހަން އިޔަންއަށް ކެތްވީއެއް ނޫނެވެ. އޭނާ ބޭނުންވީ އެތަނުން ނިކުމެގެން ދާށެވެ. އެކަމަކު ބައްޕަ އިންދާ ތެދުވާނެ ހިތްވަރެއް ނުލިބުނެވެ.
ހަމީދު ތެދުވިތަނުން އިޔަން ތަށި ހުސްވެސް ނުކޮށް ފުންމައިގެން ތެދުވެފައި ނިކުމެގެން ދިޔައެވެ. ބޭރަށް ނިކުމެފައި އިޔަންގެ ދެލޯ ހޯދައިލީ ޒޯހާ އެވެ. އެއްވެސް ހިސާބަކުން ޒޯހާގެ އިޝާރާތެއް ނުފެނުމުން އިޔަން ކަންބޮޑު ވެއްޖެއެވެ. "ޒޯހާ!" އިޔަން ގޮވައިލާފައި ގޯތިތެރެއަށް ނިކުމެގެން ގޭޓާއި ދިމާއަށް ދަނިކޮށް ހުއްޓެވިއްޖެއެވެ.
އެސްފިޔަ ޖަހައިލަން އިޔަން ހަނދާންވީ ލޮލުން ފެން އައީމައެވެ. އެއްފަރާތެއްގައި ހައްދާފައިވާ ފިނިފެންމާ ގަސްތަކު ތެރޭގައި ޒޯހާ ހުއްޓިލައިގެން ހުރީ ކަޅާއި އޮރެންޖުން ޒީނަތްވެފައިވާ ކުޑަ ކޮކާލަކަށް ބަލަހައްޓައި ގެންނެވެ. އެކޮކާ ޒޯހާގެ އުފުލާލެވިފައިވާ ރީތި އިނގިލިތަކުގައި އިށީންދެ އިނީ އެހިތުގެ އިހްސާސްތައް އަޑު އަހަން ކަހަލައެވެ. ދުވެލާފައި ނިކުތުމުން ނިއުޅިގެން ފައިބާފައިވާ އެދިގު އިސްތަށިގަނޑު ވައިރޯޅީގެ އެހީގައި ހަރަކާތް ކުރަމުން ދިޔައެވެ. ތެމިފައިވާ އެސްފިޔަތައް ކަޅު ކުލަ ގަދަކަމުން އެހާމެ ފަރިއެވެ.
އިޔަން ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ކުދި ފިޔަވަޅުތަކެއްގައި ގޮސް ހުއްޓުނު ފަހުން ކޮކާ އުދުއްސައިގެން ދިޔައެވެ. "އިޔަން! ޒޯހާއަށް ފިޔަވަޅު އަޑު އިވިގެން އެނބުރި ބަލައިލާފައި ގޮވައިލިއެވެ.
(ނުނިމޭ)