11 Jul 2013, 12:26
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބަހެއްގައި އަންހެނަކަށް ހަމަލާދީ ރޭޕްކުރުމުގައި ބައިވެރިވި ކުޑަކުއްޖާގެ މައްޗަށް އިންޑިއާގެ ކުޑަކުދިންނާ ބެހޭ ކޯޓަކުން މިއަދު ހުކުމް ކުރާނެ އެވެ.
ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ދިއްލީގެ ބަހެއްގައި ދަތުރުކުރަމުންދިޔަ އަންހެނަކަށް ހަ ފިރިހެނުން ވެގެން ހަމަލާދީ ރޭޕްކުރި އިރު، މިކުއްޖާގެ އުމުރަކީ 17 އަހަރެވެ.
މިހާރު އުމުރުން 18 އަހަރުވެފައިވާ ކުއްޖާއާ ދެކޮޅަށް އިންޑިއާ އިން ވަނީ ފަސް ދައުވާއެއް ކޮށްފަ އެވެ. މީގެ ތެރޭގައި މީހަކު ވަގަށް ނެގުމުގެ ދައުވާއަކާއި ރޭޕްކުރުމުގެ ދައުވާއަކާއި މީހަކު މެރުމުގެ ދައުވާއެއް އަދި ހެކި ނައްތާލަން މަސައްކަތްކުރި ކަމުގެ ދައުވާއެއް ހިމެނެ އެވެ.
މިމައްސަލަ ސާބިތުވެއްޖެ ނަމަ، މިކުއްޖާ ތިން އަހަރު ދުވަހަށް ކަރެކްޝަނަލް ފެސިލިޓީ ނުވަތަ އިސްލާހިއްޔާއަކަށް ދިއުމުގެ ހުކުމެއް އަންނާނެ ކަމަށް ވަކީލުން ބުނެ އެވެ. ނަމަވެސް ކޯޓުގައި މިކުއްޖާ ވަނީ ހުރިހާ ދައުވާއަކަށް އިންކާރުކޮށްފަ އެވެ.
އިންޑިއާގެ އާއްމުންގެ މެދުގައި މިކުއްޖާއާ މެދު ކަންތައް ކުރާނެ ގޮތަކާ މެދު ހިޔާލުތަފާތުވެފައިވާ އިރު، ދިއްލީގެ ވަކީލުން ބުނެފައި ވަނީ ތިން އަހަރު ދުވަހަކީ ކުއްޖަކު އިސްލާހުވުމަށް އެކަށީގެންވާ ވަގުތެއް ކަމަށް ބަލާ ކަމަށެވެ.
ނަމަވެސް ރޭޕްކޮށް މަރާލި އަންހެންމީހާގެ އާއިލާއިން ބުނެފައި ވަނީ 17 އަހަރުވި ނަމަވެސް، މިކުއްޖާއަކީ ބޮޑު މީހެއް ކަމަށް ބަލާ އޭނާގެ މައްޗަށް ވެސް މެރުމުގެ ހުކުމެއް އަންނަން ޖެހޭނެ ކަމަށެވެ. ރޭޕްގެ މައްސަލަ ހިނގި އިރު ކުއްޖާއަށް 18 އަހަރު ވާން ބާކީ އޮތީ ހަ މަސް ދުވަހެވެ.
މިކުއްޖާއާ އެކު އަންހެން މީހާ ރޭޕްކުރުމުގައި ފަސް މީހަކު ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން އެކަކު ޖަލުގައި އަމިއްލައަށް ދަންޖެހިގެން މަރުވެފައިވާ އިރު، އަނެއް ހަތަރު މީހުންނާ ދެކޮޅަށް ރޭޕް އަދި މީހަކު މެރިކަމުގެ ކުށުގެ ދައުވާ ވަނީ ކުރެވިފަ އެވެ.
މިމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، ދަން ޖައްސާ މެރުމުގެ ހުކުމެއް އަންނާނެ އެވެ.
މިދިޔަ އަހަރު ބަހުގައި އަންހެން މީހާއަށް ހަމަލާދީ ރޭޕްކޮށް، ބަހުން އެއްލާލި ހަބަރު ފެތުރުމާ އެކު އިންޑިއާގައި ވަނީ އަންހެނުންނާ މެދު ކުރެވޭ އަނިޔާއާ މެދު ބަހުސްކުރަން ފަށާފަ އެވެ. މިދިޔަ މާޗު މަހު އިންޑިއާ އިން ވަނީ އަންހެނުންނަށް ކުރެވޭ އަނިޔާ ހުއްޓުވުމަށް އާ ގާނޫނެއް ފާސްކޮށްފަ އެވެ. މިގާނޫނުގައި ރޭޕްކުރާ މީހުން މެރުމުގެ ހުކުމްތައް ހިމަނާފައިވެ އެވެ.
ގާނޫނީ ސަބަބުތަކަށްޓަކައި ނަންހާމަނުކުރުމަށް އިންޑިއާއިން ނިންމާފައިވާ އަންހެން މީހާއަކީ ފިޒިއޮތެރަޕީ ކިޔަވަމުން އައި މީހެކެވެ. ބަހުގައި އަންހެން ކުއްޖާއާއި އޭނާގެ ފިރިހެން އެކުވެރިއަކަށް ހަމަލާދީފައި ވަނީ ފިލްމެއް ބަލަން ގޮސް ގެއަށް ދިޔަ މަގުމަތީގަ އެވެ.
އިންޑިއާގެ ފުލުހުން ބުނީ ބަހުގައި ތިބި ހަ މީހުން ވެގެން މިދެމީހުންގެ ގައިގާ ތަޅާ އަނިޔާކުރުމަށް ފަހު، އަންހެން މީހާ ރޭޕްކުރި ކަމަށެވެ.
އެތެރެ ހަށްޓަށް ލިބުނު ބޮޑެތި ގެއްލުންތަކަށް ފަރުވާ ދެމުން ދަނިކޮށް މިއަންހެން މީހާ މަރުވެފައި ވަނީ ހަމަލާދިންތާ ދެ ހަފުތާ ވަރު ފަހުން ސިންގަޕޫރުގަ އެވެ.