މުއްދަތެއް ނެތްގޮތަށް ސަސްޕެންޑު ކޮށްފައި ވާތީ ޖުޑިޝަލް ސާވިސް ކޮމިޝަނާ ދެކޮޅަށް ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ސިވިލް ކޯޓުގައި ކުރާ ދައުވާއާ ގުޅިގެން ޖޭއެސްސީން ހުސަހަޅަން ޖެހޭ ބަޔާން ޕްރިންޓް ނުކުރެވިގެން ޝަރީއަތް ފަސްކޮށްފި އެވެ.

ހައިކޯޓުގެ ހަތް ފަނޑިޔާރަކު ޝަރީފާ ދެކޮޅަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް އޭނާ ސަސްޕެންޑް ކުރުމާ ގުޅިގެން ޝަރީފްގެ ފަރާތުން ކޯޓަށް ހުށަހެޅި ދައުވާގައި މިއަދު ހެނދުނު އޮތް ޝަރީއަތުގެ މަޖިލީހުގައި އޮތީ ޖޭއެސްސީގެ ފަރާތުން ޖަވާބުދާރީވުން ކަމަށް ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީގެ މުވައްޒަފުން ރޭ ވަރަށް ދަންވަންދެން މަސައްކަތް ކުރުމަށް ފަހު މިއަދު ހެނދުނު ބަޔާންތައް ޕްރިންޓް ކުރަން ދިޔައިރު، އިންޓަނެޓްގެ މައްސަލައެއް ދިމާވެ ބަޔާންތައް ޕްރިންޓް ކުރެވޭ ގޮތް ނުވުމުން ޝަރީއަތް ފަސްކޮށް ދިނުމަށް އެދުނީ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ އައިޓީއެއް މި ހުންނަނީ. ރޭ ވަރަށް ދަންވަންދެން މުވައްޒަފުން މަސައްކަތް ކޮށްފައި މިއަދު ހެނދުނު އޮތް ޝަރީއަތަށް ބަޔާންތައް ޕްރިންޓް ކުރަން ދިޔަގަޑީގައި މައްސަލަ ޖެހުނީ،" ޒަހީން ވިދާޅުވި އެވެ.

ޝަރީއަތް މިއަދު ކެންސަލް ކުރިއިރު، މީގެ ކުރިން ވަނީ ޝަރީފްއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެދި ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އެމައްސަލައިގައި ކޯޓުން ވަނީ ވަގުތީ އަމުރެއް ވެސް ނެރެދީފަ އެވެ.