07 Nov 2010, 08:05
ކައްކަން އުޅެނިކޮށް ށ. ކޮމަންޑޫގައި ފިހުނު އަންހެން މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
ކޮމަންޑޫގައި އިއްޔެ ހެނދުނު ކައްކަން އުޅެނިކޮށް ފިހުނު އުމުރުން 40 އަހަރުގެ އަންހެން މީހާގެ ހަށިގަނޑުގެ 35 ޕަސެންޓް ފިހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. ނަމަވެސް ކޮމަންޑޫ ސިއްހީ މަރުކަޒުން ކުރިން ބުނެފައި ވަނީ އޭނާގެ ހަށިގަނޑުގެ 70 ޕަސެންޓް ފިހިފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އެ އަންހެން މީހާގެ މޫނާއި ދެ ފަޔާއި ބަނޑުގެ އެއްފަޅި އާއި ބުރަކަށީގެ އެއްފަޅި ފިހިފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ހާލު މަޑުމަޑުން ރަނގަޅު ވަމުންއަންނަ ކަމަށާއި ކޮންމެ ވެސް ވަރަކަށް ވާހަކަ ދައްކާ ހަދާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
އިއްޔެ ހެނދުނު 6:30 ހާއިރު އެ އަންހެން މީހާގެ ގައިގައި ރޯވެ ފިހުނީ އެއްޗެއް ކެއްކުމަށްޓަކައި ގޭސް އުނދުން ރޯކުރަން އުޅެނިކޮށް އުނދުނުން ގޭސް ލީކުވެގެންނެވެ.