ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމިޓީގައި ހުންނަވައިގެން ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިތްހަމަޖެހޭ ފަދަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އިބްރާހީމް އިސްމާއީލް ވިދާޅުވީ، 11 ޖުލައި 2009ގައި އޭނާ އެމްއޯސީގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ފަހުން، ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު، ގިނަ ބަޔަކު ގަބޫލު ކުރާނޭ ފަދަ މަސައްކަތްތަކެއް އޮލިމްޕިކް ކޮމެޓީ އިން ކޮށްފައި ވާނޭ ކަމަށެވެ.

"އަޅުގަނޑު ހަމަ ދަންނަވާނީ ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑު ހަމަ ގައިމުވެސް ހިތްހަމަ ޖެހޭވަރަށް އަޅުގަނޑަށް މަސައްކަތް ކުރެވުނޭ. އަޅުގަނޑަށް ހަމަ ޔަގީން ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަށް އަޅުގަނޑުމެން، ކުރީގެ ހަތަރު އަހަރާއި އޭގެ ކުރީގެ އަށް އަހަރާއި އަދި އޭގެ ކުރީގެ 12 އަހަރާއި އަޅާ ބައްލަވާއިރުގައި ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޮލިމްޕިކް ކޮމެޓީން ކުރެވިފައި ހުރި މަސައްކަތްތައް މީކީ އެންމެ ފުރިހަމަ މަސައްކަތެކޭ ނުދަންނަވަން. އެކަމަކު ވެސް އޮލިމްޕިކް ކޮމިޓީ އަށް އިތުރު ތަރައްގީއެއް އައިސްފައި އޮތްކަން ފާހަގަކޮށް ތިބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން،" އިބްރީހީމް އިސްމާއީލް ވިދާޅުވި އެވެ.

އިބްރާހީމް އިސްމާއީލް ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައި ވެސް އޮލިމްޕިކް ކޮމެޓީ އަށް، މިހާރު އޮތް ޒުވާން ޓީމާ އެކު އިތުރު ކާމިޔާބުތަކެއް ހޯދޭނޭ ކަމާއި މެދު ޝައްކު ނުކުރަށްވާ ކަމަށެވެ.

"ކުރިއަށް އޮތް 13 އިން 17 އަށް. އާދެ ރިއޯގެ ގޭމްސް 17 އަށް މިއަށްވުރެ ވެސް ރަނގަޅަށް މަސައްކަތްތަކެއް ކުރެވޭނެ ކަމާއި މެދު އެއްވެސް ޝައްކެއް ނުކުރަން،" އެމްއޯސީގެ ކުރީގެ ރައީސް ވިދާޅުވި އެވެ.

"ޝައްކެއް ނެތް، މިހާރު އަޅުގަނޑުމެންގެ އެބަތިބި ޔަންގް ޓީމެއް. ތަޖްރިބާ ލިބިފައި ތިބި ބޭފުޅުން އޭގެ ތެރޭގައި އެބަ ތިއްބެވި. އަޅުގަނޑު ހަމަ އުންމީދު ކުރަނީ، އަޅުގަނޑުމެންގެ މި އޮލިމްޕިކް މޫވްމަންޓް، ދިރުވައި އޮލިމްޕިކްގެ ރޫހު އާލާކޮށް އަޅުގަނޑުމެންގެ އޮލިމްޕިކްގެ ކަންތައްތައް ކުރިއަށް ގެންދިއުމާއިގެން އަޅުގަނޑުމެންގެ ކުޅިވަރުތައް ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާނޭ ކަމަށް،"

އޭނާ ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޮލިމްޕިކް ގޭމްސްއާ އެކު 17 ވަރަކަށް އިންޓަނޭޝަނަލް ގޭމްސްގައި ރާއްޖެ އިން ބައިވެރިވެފައިވާ ކަމަށާއި އެހެންކަމުން އެއީ މަދު އަދަދެއް ނޫން ކަމަށެވެ.

"ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި 17 ވަރަކަށް އިންޓަނޭޝަނަލް ގޭމްސްގައި އަޅުގަނޑުމެންނަށް ބައިވެރިވެވިފައި އެބަ އޮވޭ. ސަތާރަ ވަރަކަށް ގޭމްސްއަކީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފުދޭވަރަކަށް ގިނަ އަދަދެއް. މި ގޭމްސަތަކަށް ކުރަން ޖެހޭ މަސައްކަތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވަރަށް ގިނަވާނެ، ވަރަށް ބޮޑުވާނެ،" އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ބުރަ މަސައްކަތްތަކެއް ކުރެވުނީ، މެންބަރު އެސޯސިއޭޝަންތަކުންނާއި އަދި އެޑްމިނިސްޓްރޭޓިވް ސްޓާފުންގެ ވެސް ބުރަ މަސައްކަތުން ކަމަށާއި އެހެން ކަމުން ކުރިއަށް އޮތްތާނގައި ވެސް އެފަދަ ރޫހެއްގައި މަސައްކަތް ކުރުމަށް އަލަށް ހޮވުނު ހިންގާ ކޮމިޓީ އާއި އަދި މެންބަރު އެސޯސިއޭޝަންތަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.