11 Jul 2013, 12:13
ބަޔަކު ކިތަންމެ ބުރަމަސައްކަތެއް ކުރި ނަމަވެސް، ދިވެހިރާއްޖޭގެ ކުޅިވަރުގައި އެއްވެސް ސިޔާސީ ނުފޫޒެއް ވަނަ ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަށް އަލަށް އިންތިހާބުވި ރައީސް ވިދާޅުވެއްޖެ އެވެ.
މިއަދުން ފެށިގެން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް އެމްއޯސީގެ ރައީސް ކަމަށް ރޭ އިންތިހާބު ކުރި މުހައްމަދު ޝަވީދު ވިދާޅުވީ ބަޔަކު ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒުތައް ވައްދަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު ނުދޭނެ ކަމަށެވެ.
"އަޅުގަނޑު މިވަގުތު އެންމެ ބޮޑު އެއް ޔަގީން ކަމެއް ދެނީ، ދިވެހި ރާއްޖޭގެ ކުޅިވަރުގައި ސިޔާސީ އެއްވެސް ނުފޫޒެއް ނުވަންނަ ގޮތަށް އަދި އެކަމާ ވަރަށް ގިނަ ބަޔަކު ބުރަ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، އެ ފުރުސަތު ނުދޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން،" ޖިމްނާސްޓިކް އެސޯސިއޭޝަންގެ ރައީސް ކަމުގެ މަގާމުގައިވެސް ހުންނެވި ޝަވީދު ވިދާޅުވި އެވެ.
އެމްއޯސީގެ އިންތިހާބުގައި ޝަވީދުއަށް ވޯޓު ދެއްވި ކުޅިވަރު އެސޯސިއޭޝަންތަކަށް ޝުކުރު އަދާކުރަށްވަމުން އޭނާ ވިދާޅުވީ، އޭނާއާ ހަވާލު ކުރެވުނު ޒިންމާ ފުރިހަމައަށް އަދާކުރައްވާނޭ ކަމުގެ ޔަގީންކަން ހުރިހާ ބޭފުޅުންނަށް ވެސް އަރުވާ ކަމަށާއި އަދި ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް ދެއްކެވި މަގުން ކުރިއަށް ވަޑައިގަންނަވާނޭ ކަމަށެވެ.
"އަޅުގަނޑު ވަރަށް ތެދުވެރިކަމާ އެކު، އިބްރާހީމް އިސްމާއީލް އެދެއްވި އެޑްވައިޒް، އަޅުގަނޑު ގަބޫލުކުރިވާހަ ތިޔަ ބޭފުޅުން ކައިރީގައި ދަންނަވާލަން. އަދި މިކަމުގައި އަޅުގަނޑު ކުރިއަށް ދިއުމުގައި އިބްރާހީމް އިސްމާއީލްގެ ފަރާތުން ނަގަން ޖެހޭ ހުރިހާ އިރުޝާދެއް ވެސް އަދި މިހާތަނަށް ޕްލޭން ކުރެވިފައި ހުރި ކަންތައްތައް ވެސް ކުރިއަށް ގެންދާނޭ ވާހަކަ ދަންނަވަން،" އެމްއޯސީގެ އާ ރައީސް ވިދާޅުވި އެވެ.
ރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި، އެމްއޯސީގެ އިންތިހާބުގައި ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް އަދި ކުޅިވަރާބޭހޭ ވުޒާރާގެ ޕާމަންނަޓް ސެކްރެޓަރީ، މުހައްމަދު މާހިދު ޝަރީފާ ވާދަކޮށް، އެފްއޭއެމްގެ ފަރާތުން އިންތިހާބުގައި ވާދަ ކުރެއްވި މުހައްމަދު ޝަވީދު، އެމްއޯސީގެ ރައީސް ކަމަށް ހޮވި ވަޑައިގަތީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. މާހިދަށް ހަތް ވޯޓު ލިބިވަޑައިގެންނެވި އިރު ޝަވީދަށް ލިބިވަޑައިގަތީ އަށް ވޯޓެވެ.