ރޯދަމަހަށް ހާއްސަކޮށްގެން އަގު ބޮޑެތި އިނާމްތަކާ އެކު ގިނަ ޕްރޮމޯޝަންތަކެއް ވަތަނިއްޔާ އިން ފަށައިފި އެވެ.

ވަތަނިއްޔާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަތަނިއްޔާގެ ސީނިއާ ސްޕެޝަލިސްޓް ޕީއާރް މާކެޓިން ކޮމިއުނިކޭޝަން މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ "ކޯލް އެންޑް ވިން" ނަމުގައި މި ރޯދަމަހު ވަތަނިއްޔާ އިން ކުރިއަށްގެންދާ ޕްރޮމޯޝަންގައި ވަތަނިއްޔާގެ ނަމްބަރުތަކަށް 50ރ.ގެ ލޯކަލް ކޯލު ކޮށްގެން 300000ރ. އަށް ވުރެ އަގުހުރި އިނާމް ލިބޭނެ ކަމަށެވެ.

އެގޮތުން އެޕުރޮމޯޝަންގައި ގުރުއަތުން ހޮވޭ ދެ ފަރާތަކަށް އެކުްސް ޒޯނުން ހުށައަޅާފައިވާ ޔަމަހާ ޖުޕިޓާ ދެ ސައިކަލާއި އަލޯރާގެ ފަރާތުން ހުށައަޅާފައިވާ 50000ރ.ގެ ގިފްޓް ވޯޗާ ލިބޭނެ ކަމަށް މަރިޔަމް ވިދާޅުވި އެވެ. އަދި ހަފްތާއަކު 50ރ. ހޭދަކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ފަރާތަކުން ރީފްސައިޑުން ދޭ ސޮނީ އެކްސްޕީރިއާ ޒެޑް ފޯނެއް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ "ބޯނަސް ރީޗާޖް"ގެ ނަމުގައި ވަތަނިއްޔާ އިން ކުރިއަށްގެންދާ ޕްރޮމޯޝަންގައި މި ރޯދަ މަހުގެ ކޮންމެ ހަފްތާ ބަންދެއްގައި ކުރާ ހުރިހާ ރީޗާޖަކަށް 25 ޕަސެންޓާ ހަމައަށް އިތުރަށް ކުރެޑިޓް ލިބޭނެ ކަމަށެވެ. އަދި "އައިޑީޑީ ޓޮކް މޯ ސޭވް މޯ" ޕްރޮމޯޝަންގައި ވަތަނިއްޔާ އައިޑީޑީ ކޯލްގެ ފުރަތަމަ ތިން މިނިޓް ވާހަކަ ދެއްކުމުން އެކޯލަކަށް 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން މި ރޯދަ މަހު ވަތަނިއްޔާ ޕްރީޕެއިޑް ރޯމިން އިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް މަރިޔަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ "ރަމަޟާން ސަޕްރައިޒް"ގެ ނަމުގައި ޑަބްލިޔު ޕުރީޕެއިޑް އަދި ޑަބްލިޔު މިކުސް ޕެކޭޖްތަކުން *999# އަށް ގުޅުމުން ހިލޭ ކުރެޑިޓް އާއި އަންލިމިޓެޑް ކާޑުގެ އިތުރުން އައިފޯން 5 އަކާއި އެހެނިހެން އަގުހުރި އިނާމްތައް ހޯދޭނެ ކަމަށެވެ.

އޭގެ އިތުރުން ނަމާދު ވަގުތުތައް އަންގައިދޭ ހިދުމަތް ހިލޭ ބޭނުންކުރެއްވުމަށް go ޖެހުމަށް ފަހު 4777 އަށް އެސްއެމްއެސް ކުރުމުން އެހިދުމަތް ހިލޭ ލިބިގެންދާނެ ކަމަށާއި އަދި ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުމުން އެފުރުސަތު ވެސް ލިބިގެންދާނެކަމަށް ނަތަނިއްޔާ އިން މަރިޔަމް ވިދާޅުވި އެވެ.