11 Jul 2013, 11:21
މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެފައިވެއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ.
"އީމާނާއި، އިޙްތިސާބާ އެކު ރަމަޟާން މަހު ރޯދަ ހިފައިފި މީހެއްގެ އިސްވެދިޔަ ހައި ފާފަތަކެއް ފުއްސަަވައި ދެއްވާނެއެވެ. ރަމަޟާން މަހުގައި އީމާނާއި އިޙްތިސާބާ އެކު ރޭއަޅުކަން ކޮށްފި މީހެއްގެ އިސްވެދިޔަ ހައި ފާފަތަކެއް ފުއްސަވައިދެއްވާނެއެވެ. ލައިލަތުލް ޤަދްރިވިލޭރޭ އީމާނާއި އިޙްތިސާބާ އެކު އަޅުކަން ކޮށްފި މީހެއްގެ އިސްވެދިޔަ ހައި ފާފަތަކެއް ފުއްސަވައިދެއްވާނެއެވެ." (ބުޚާރީ: ކިތާބުއްޞައުމު)
އިސްވެދިޔަ ޙަދީޡުގައި ރަމަޟާން މަހުގެ ތިން އަޅުކަމެއްގެ ވާހަކަ ވަނީ ބަޔާންކުރައްވައިފައެވެ. އެތިން އަޅުކަން ކުރުމުގައި ވެސްވަނީ އީމާނާއި އިޙްތިސާބާ އެކު އެކަންކަން ކުރުން ޝަރުޠުކުރައްވައިފައެވެ. އީމާނަކީ ކުޑަވެސް ޝައްކުކަމެއް ނެތި ފުރިހަމަ ކަށަވަރުކަމާ އެކު، މާތްﷲ ވޮޑިގެންވާ ކަމާއި އެކަލާނގެ އެއްކައުވަންތަކަން ޔަޤީން ކުރުމެވެ. އިޙްތިސާބުގެ މުރާދަކީ ހަމައެކަނި މާތްﷲ ގެ ރުހިވޮޑިގަތުމާއި ހަމައެކަނި އެކަލާނގެ ޙަޟުރަތުން ދަރުމައެދިގެން އަމަލުކުރުމެވެ. އެކަމުގައި އެހެން އެއްވެސް ޤަޞްދެއް ނެތުމެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ހަމައެކަނި އަޅުކަމެއްގެ ބޭރުފުށުގެ ސިފަ ދައްކައިލުމުގެ ބަދަލުގައި އެއަޅުކަމެއްގެ ފުރިހަމަ ރޫޙުގައި އެއަޅުކަމެއް ކުރުމެވެ.
ޝައްކެއްނެތެވެ. އަޅުކަމަކަށް ވާނީ ފުރިހަމަ އީމާނާއި އިޙްތިސާބާއެކު ހިފާ ރޯދައެވެ. ރޯދައިގެ އަޅުކަމުގެ ތެރޭގައި މުއުމިން އަޅާ ވުޟޫކުރަން ޖެހޭނީ މާތްﷲ އަށްޓަކައި އޮހޮރައިލެވޭ ކަރުނައިންކަހަލައެވެ. އޭނާ ބަނޑުހައި ހޫނުކަމާއި ފެންބޮވައިގަތުމުގައި ހުރުމަކީ، އޭނާއާއި އޭނާގެ ރަސްވަންތަ އިލާހާ ދެމެދުން އެހެންހުރިހާ ކަމަކާއި އެއްޗެއްސެއް ދުރުކޮށް އެއްފަރާތްކޮށްލުން ފަދައެވެ. ރުކޫޢާއި ސަޖިދަ ކުރުމަކީ އަރަހުށި މާތްﷲ ޙާޒިރުވެވޮޑިގެންވާ ތަން ދެކެދެކެ ހުރެ އެކަން ކުރާނެ ފަދައިން އެކަން ކުރުންކަހަލައެވެ. ދުއާކުރުމަކީ ވާސިޠާއަކާ ނުލައި ސީދާ މާތްﷲ ގެ ޙަސުރަތުގައި ބަސްދެންނެވުން ފަދަ އިހްސާސެއްގައި ދުޢާ ކުރުންފަދައެވެ. މިދެންނެވި ރައްބާނީ ހާލަތާ އެކު ރޯދަ ހިފާމީހާ އަކީ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފޮހެވިގެން ދާގޮތުގައި ރަމަޟާން މަސް ނިންމައިލާ މީހާއެވެ.
ކީރިތި ޤުރުއާނުގައި މާތްﷲ ވަހީކުރައްވާފައިވާ ގޮތުގައި ރޯދަ ފަރުޟު ކުރެއްވީ ރޯދަވެރިޔާގެ ކިބައިގައި މާތްﷲ އަށް ބިރުވެތި ވުމުގެ ސިފަ އަށަގެންނެވުމަށްޓަކައެވެ. މާތްﷲ އަށް ބިރުވެތިވުމަކީ ކޮބައިތޯއެވެ؟ އާދެ މާތްﷲ އަށް ބިރުވެތި ވުމަކީ އިންސާނާ އަރަހުށި މާތްﷲ އާ ނިސްބަތްކުރާއިރު ތިމާގެ ނުކުޅެދުންތެރި ކަމާއި ނިކަމެތިކަމަށް އިޢުތިރާފުވުމެވެ.
ޙަޤީޤަތުގައި އީމާންކަމުގެ ފެށުމަކީ ތިމާގެ ނުކުޅެދުންތެރިކަމާއި ނިކަމެތިކަމަށް އިޢުތިރާފުވުމެވެ. މީހަކަށް އަރަހުށި މާތްﷲ ގެ މަޢުރިފާވެރިކަން ޙާސިލުވުމުން އެމީހަކަށް އެންމެ ބޮޑަށް ކުރެވޭނެ އިޙްސާސަކީވެސް ތިމާގެ ނުކުޅެދުންތެރި ކަމާއި ނިކަމެތިކަމުގެ އިހްސާސެވެ. މާތްﷲ އަށް އީމާންވުމަކީ މާތްﷲ ގެ ގަދަ ކީރިތިވަންތަ ކަމާއި މަތިވެރި މާތްވަންތަކަން ދެނެގަތުމެވެ. އަރަހުށި މާތްﷲ ގެ ކިބްރިޔާވަންތަކަމާއި، ރަސްވަންތަކަމާއި، ކަށަކުޅަދުންވަންތަ ކަމާއި މަތިވެރިވަންތަކަން ދެނެގެންފި މީހަކު ގެނބިގެންދާނީ ހިތްތިރިކަމާއި ނިކަމެތިކަމުގެ އިޙްސާސުގެ ކަނޑެއްގެ ތެރެޔަށެވެ. އޭނާގެ ކިބައިގައި އަށަގަންނާނެ އެންމެ ވަރުގަދަ ސިފައަކީ ޢާޖިޒު ކަމުގެ ސިފައެވެ.
އީމާންކަމަކީ މާތްﷲ ގެ މަޢުރިފާވެރިކަމަށް ކިޔާ ދެވަނަ ނަމެވެ. މާތްﷲ މަޢުރިފާވުމަކީ މިފެންނަ ބޮޑު އަފޫރުއްބަ ކާއިނާތު ހެއްދެވީ އެކަލާނގެ ކަމާއި މިކާއިނާތުގެ ވެރިޔަކީ އެކަލާނގެ ކަން ދަތުމެވެ. ބުއްދިތައް ޙައިރާންވެ އަންތަރީސް ވާ ފަދަ ކަށަ ކުޅަދުންވަންތަކަމާ އެކު މިކާއިނާތު ކޮންޓްރޯލް ކުރައްވައި ހިންގަވަނީ އެކަލާނގެ ކަން ދަތުމެވެ. އެމީހެއްގެ ހިތުގައި މިޝުޢޫރު ބިންގާ އެޅިއްޖެ ކޮންމެ މީހަކަށްވެސް އެންމެމާތް، އެންމެ މަތިވެރި، އެންމެ ގަދަކީރިތި، އެންމެ ލޮބުވެތި ފަރާތެއްކަމުގައި ފެންނާނީ އެކަލާނގެ މަތިވެރި ޒާތުފުޅެވެ. އެމީހެއްގެ އަމިއްލަ ނަފުސާމެދު ބަލައިލާއިރު ނިކަމެތިކަމާއި، ނުފޯރުންތެރިކަމާއި، ނުކުޅެދުންތެރިކަން ފިޔަވައި އެހެން އެއްވެސް ކަމެއް ނުފެންނާނެއެވެ.
އިންސާނާގެ ނިކަމެތިކަމާއި، ނުކުޅެދުންތެރިކަމަކީ އޭނާގެ ހިތުގައި އުފެދޭ އިޙްސާސަކަށް ކިޔާ ނަމެކެވެ. ނިކަމެތިކަމާއި ނުކުޅެދުންތެރިކަމުގެ އިހްސާސަކީ އިންސާނާ އެންމެ ބޮޑަށް ޙަރަކާތްތެރި ކުރުވާ ބާރެވެ. ނުކުޅެދުންތެރިކަމާއި ނިކަމެތިކަމުގެ އިހްސާސު އިންސާނާގެ ކިބައިގައި ވަރުގަދަ ޠޫފާނީ ބާރެއް އުފެދުމުގެ ސަބަބަކަށްވެއެވެ. އޭނާގެ ވިސްނުމާއި ފިކުރަށް ވަރުގަދަ އިންޤިލާބެއް ގެނުވުމުގެ ސިއްރަކަށްވެއެވެ.
ނިކަމެތިކަމާއި ނުކުޅެދުންތެރިކަމުގެ އިހްސާސު ގުޅިފައިވަނީ ތިމާއާއި ތިމާގެ ރަސްވަންތަ ﷲ އާ މެދުގައެވެ. ނަމަވެސް އިންސާނެއްގެ ކިބައިގައި ޙަޤީޤީ މާނައިގައި އެއިހްސާސު އުފެދިއްޖެ ނަމަ އިންސާނީ ގުޅުންތަކުގެ ދާއިރާއިން ވެސް އޭގެ އަސަރުފާޅުވާން ފަށައެވެ. މާތްﷲ އާ ނިސްބަތްކުރާއިރު ތިމާގެ ނިކަމެތިކަމާއި، ނުކުޅެދުންތެރިކަން ދަންނަ މީހާ އޭނާގެ އެރޫޙުގެ ސަބަބުން އިންސާނުންގެ ކުރިމަތީގައި ތަވާޟުޢުވެރިވެއެވެ. މާތްﷲ އާމެދު އިންސާނާގެ ހިތުގައި އޮންނަ ތިމާގެ ނިކަމެތިކަން ޤަބޫލުކުރުމުގެ އިހްސާސަކީ އެހެނިހެން އިންސާނުންގެ ކުރިމަތީގައި ތަވާޟުޢުވެރިވުމެވެ. ތަވާޟުޢުވެރިކަމަކީ އިންސާނާގެ އަހްލާޤީ ގިލަފަތީގެ އަގުބޮޑު ފުލުފޮއްޗެވެ.