11 Jul 2013, 10:58
ޤާހިރާ (ޖުލައި 11): މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިސްލާމީ ފިކުރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ މުރުޝިދު މުހައްމަދު ބަދީޢު އާއި އެޖަމާއަތުގެ އިސްވެރިންގެ ތެރޭގައި ހިމެނޭ އިތުރު ނުވަ ބޭފުޅަކު ހައްޔަރު ކުރުމުގެ އަމުރެއް މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ނެރުއްވައިފި އެވެ.
މި ބޭފުޅުންގެ ތެރޭގައި ބަދީޢުގެ އިތުރުން އޭނާގެ ނައިބު މަޙްމޫދު އިއްޒަތު އިބްރާހީމް އާއި އިޚްވާން ޖަމާއަތުގެ ސިޔާސީ ޕާޓީކަމަށްވާ ޖަސްޓިސް އެންޑް ފްރީޑަމް ޕާޓީގެ ނައިބު ރައީސް ޢިސާމް އަލްޢިރްޔާން ވެސް ހިމެނިވަޑައިގަންނަވަ އެވެ. މިބޭފުޅުންގެ މައްޗަށް މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވާ ތުހުމަތުތަކަކީ ހަމަނުޖެހުމަށާއި މީހުން މެރުމުގެ ޢަމަލުތަކަށް ހިއްވަރުދީ އެކަމަށް ގޮވާލުމެވެ. މިތުހުމަތުތަކަކީ ސިފައިން ނުކުމެ މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު އިޚްވާން ޖަމާއަތް ސިޔާސީ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން ބަލިކޮށްލުމަށް ރޭވިގެން ހިންގާ ސިޔާސީކަންތައްތަކަކާ ގުޅިފައިވާ ތުހުމަތުތަކެއް ކަމަށް އިޚްވާން ޖަމާއަތުން ވަނީ ތުހުމަތުކޮށްފަ އެވެ.
އަނެއްކޮޅުން މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ހުންނެވީ ހައްޔަރުގައި ނޫން ކަމަށް މިސްރުގެ ވަގުތީ ސަރުކާރުން ވަނީ ބުނެފަ އެވެ. ވަގުތީ ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ބުނީ މުރުސީ ހުންނަ ވަނީ އަމާން އަދި ރައްކާތެރި ތަނެއްގައި ކަމަށާ އެއްވެސް ކުށެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިނުވާ ކަމުގަ އެވެ. މިސްރުގެ ޚާރިޖީ ވުޒާރާއިން ބުނީ ޑރ. މުރުސީއާ މުއާމަލާތް ކުރަމުންގެން ދަނީ ގަދަރާއި އިޙްތިރާމާއެކުގައި ކަމަށާ އަދި އެއްވެސް ކުށެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިނުވާ ކަމުގަ އެވެ.
މިސްރުގެ ސިފައިން ގެނައި ޢަސްކަރީ އިންގިލާބެއްގައި މުރުސީ މަޤާމުން ދުރުކުރުމަށް ފަހު އޭނާ ބެހެއްޓިފައި ވަނީ މިސްރުގެ ރިޔާސީ ގާޑުންގެ މައިމަރުކަޒުގައި ކަމަށް މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ލަފާކުރެ އެވެ. ނަމަވެސް މުރުސީ ހުންނެވިތަނެއް މިސްރުގެ އައު ސަރުކާރުން ވެސް އަދި ސިފައިން ވެސް ހާމަކޮށްފައެއްނުވެ އެވެ. މުރުސީ މިނިވަންކުރުމަށް ގޮވާލައި ރިޔާސީ ގާޑުންގެ މައިމަރުކަޒުގެ ކުރިމަތީގައި އޭނާއަށް ތާއީދުކުރާ ލައްކައެއްހާ މީހުން މުޒަހަރާ ކުރަމުންގެންދަނިކޮށް މިދިޔަ ހޯމަ ދުވަހު ސިފައިން ބަޑިޖެހުމުގެ ސަބަބުން މުރުސީ އަށް ތާއީދުކުރާ މީހުންގެ ތެރެއިން 49 މީހަކު މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެފައިވެ އެވެ. (އަލްޖަޒީރާ)