އިސްލާމް އާބާދު (ޖުލައި 11): އަލްޤާއިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާބިންލާދިން ޕާކިސްތާނުގައި ދިގުމުއްދަތަކަށް ފިލައިގެން އުޅެފައި ވަނީ ޕާކިސްތާން ސަރުކާރަށާއި ސަލާމަތީ ބާރުތަކުގެ ފަރުވާ ކުޑަކަމާއި އިހްމާލުން ކަމަށް ޕާކިސްތާން ސަރުކާރުގެ ޚާއްސަ ތަޙްގީގު ޓީމުން ހާމަކޮށްފި އެވެ.

ބިންލާދިން ފިލައިގެން ނުވަ އަހަރުވަންދެން ޕާކިސްތާނުގައި އުޅެފައިވާ ކަމަށް ބެލެވިފައިވާ މައްސަލަބަލައި ތަޙްގީގު ކުރުމަށް އެގައުމުގެ ސަރުކާރުން އެކުލަވާލި ތަޙްގީގު ޓީމުން އެކުލަވާލި ރިޕޯޓެއްގައި ބުނެފައި ވަނީ އުސާމާބިންލާދިން އަށް ނުވަ އަހަރުވަންދެން ޕާކިސްތާނުގައި ފިލައިގެން އުޅުމުގެ ފުރުސަތު ލިބިގެންގޮސްފައިވާ ކަމަށާ އޭނާ ފިލައިގެން ޕާކިސްތާނުގައި އުޅެފައި ވަނީ ސަރުކާރުގެ ކޮންޓްރޯލް ނުހިނގާ ގާބީލާ ސަރަހައްދެއް ކަމަށްވާ ވަޒީރުސްތާނާއި ބާޖޯރާއި ސުވާތާއި ހެރީޕޯރުގައި ކަމުގަ އެވެ. އަދި އެންމެފަހުން އެމެރިކާ ސިފައިންގެ ޚާއްސަ ގްރޫޕެއްގެ ޙަމަލާތަކެއްގައި ބިންލާދިން އަބޫތު އާބާދުގައި މަރުވެފައިވާއިރު އޭނާ އެރަށުގައި ވަޒަންވެރިވެފައި ވަނީ 2005 ވަނަ އަހަރުގައި ކަމަށް ވެސް މިރިޕޯޓް ބުނެ އެވެ.

ބިންލާދިން ޕާކިސްތާނުގައި ސިއްރުން އުޅުނު މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓް، ޕާކިސްތާން ސަރުކާރުން އަދި ހާމަކޮށްފައި ނުވިނަމަވެސް މިރިޕޯޓްގެ ބައިތައް މިހާރު ވަނީ ބައިނަލްއަޤްވާމީ މީޑިޔާ އަށް ލީކުވެފަ އެވެ. މިރިޕޯޓްބުނާ ގޮތުން ބިންލާދިން އަފްޣާނިސްތާނުގެ މަގުން ޕާކިސްތާނަށް ސިއްރުން ވަދެ ފިލައިގެން އުޅެންފަށާފައި ވަނީ 2002 ވަނަ އަހަރުގެ މެދެއްހާ ހިސާބުގަ އެވެ. ފިލައިގެން އޭނާ ގިނައިން އުޅެފައިވާ ކަމަށް ވަނީ ވަޒީރުސްތާނުގަ އެވެ. ނަމަވެސް ވަޒީރުސްތާނުގެ އިތުރުން ބާޖޯރާއި ސުވާތާއި ހެރީޕޯރަށް ވެސް އޭނާ ދަތުރުކޮށް އެތަންތަނުގައި އުޅެފައިވާ ކަމަށާ ބިންލާދިން އަބޫތު އާބާދަށް އައިސް އެރަށުގައި ވަޒަންވެރިވެފައި ވަނީ 2005 ވަނަ އަހަރު ތެރޭގައި ކަމަށް ވެސް މިރިޕޯޓް ބުނެ އެވެ.
ބިންލާދިން އަބޫތު އާބާދުގައި އުޅޭކަން އެނގިގެން އޭނާ އަށް ފާރަލަމުން ގެންދިޔުމަށް ފަހު އެމެރިކާ ސިފައިންގެ ޚާއްސަ ގްރޫޕެއް އަބޫތު އާބާދަށް ގޮސް އޭނާ މަރާލިކަން އެމެރިކާ އިޢްލާންކޮށްފައި ވަނީ 2011 ވަނައަހަރު އެވެ. ނަމަވެސް އޭގެކުރިން ބިންލާދިން ތަބީޢީ މަރެއްގައި މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)