11 Jul 2013, 10:46
އެމެރިކާގެ ސެން ފުރެންސިސްކޯ އިންޓަނޭޝަނަލް (އެސްއެފްއޯ) އަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު އޭޝިއާނާގެ ފުލައިޓް 214 އިން މީހުން ބޭލުމުގައި ބޯޓުގެ ޕައިލެޓުންގެ ސަބަބުން ލަސްތަކެއް ކުރިމަތިވި ކަމަށް އެމެރިކާގެ ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑް (އެންޓީއެސްބީ) އިން ބުނެފި އެވެ.
އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންޓީއެސްބީގެ ޗެއާމަން ޑެބޯރާ ހާސްމަން ވިދާޅުވީ ބޯޓު ވެއްޓުނު ފަހުން ވެސް އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އާއި ބޯޓާ ހުރީ ގުޅިފައި ކަމަށާއި ވެއްޓުނު ފަހުން ބޯޓުގެ ޕައިލެޓުން، ޕަސިންޖަރުން ހުސްނުކޮށް މަޑުކުރުމަށް ފްލައިޓް އެޓެންޑެންޓުންނަށް އެންގި ކަމަށެވެ.
އެންޓީއެސްބީއިން ބުނީ ބޮއިންގް 777 މަރުކާގެ ބޯޓުން މީހުން ހުސްކުރަން ފަށާފައި ވަނީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓުނުތާ 90 ސިކުންތު ފަހުން ކަމަށާއި އޭރުން ވެސް މީހުން ހުސްކުރަން ފަށާފައި ވަނީ ބޯޓުގެ ބޭރުގައި ރޯވެފައިވާ އަލިފާންގަނޑު ފުލައިޓް އެޓެންޑެންޓަކަށް ފެނުމުން ކަމަށެވެ.
ޑެބޯރާ ވިދާޅުވީ ވެއްޓިފައިވާ މަތިންދާބޯޓަކުން މީހުން ހުސްނުކޮށް މަޑުކުރުމަށް ޕައިލެޓުން އަމުރުކުރުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށާއި އެ އަމުރު ކުރުމުގެ ފަހަތުގައިވާ ސަބަބެއް އެނގިފައިނުވާ ކަމަށެވެ.
މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު އޭޝިއާނާގެ ފްލައިޓް 214 ވެއްޓެން މެދުވެރިވެފައި ވަނީ ޖައްސަން ތިރި ކުރި އިރު މާބޮޑަށް ތިރިކޮށްލުމުގެ ސަބަބުން އެސްއެފްއޯގެ ސީ ވޯލްގައި ޖެހި ބޯޓު ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ނެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިނގާދިޔަ އެ ހާދިސާގައި ދެ މީހަކު މަރުވެ 180 މީހަކަށް ވަނީ އަނިޔާވެފަ އެވެ. މީގެ ތެރެއިން ހަތް މީހެއްގެ މައިބަދައަށް ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.