ރައީސް ޑރ. މުހައްމަދު ވަހީދު ލީޑް ކުރައްވާ "ގައުމައިގެން ކުރިއަށް" ކޯލިޝަން ތެރޭގައި ހަގީގަތް ނޭނގޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އަދާލަތު ޕާޓީ އެ ކޯލިޝަނުން މިރޭ ވަކިވެއްޖެ އެވެ.

އަދާލަތު ޕާޓީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް ވަހީދުގެ ކޯލިޝަނުން އެ ޕާޓީ ވަކިވުމަށް ނިންމީ މިރޭ ބޭއްވި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ 97 ޕަސެންޓް އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ.

އަދާލަތު ޕާޓީން ނިންމާފައިވާ ގޮތުގެ ބަޔާނެއް އިއްވަމުން ޝެއިހް އިމްރާން ވިދާޅުވީ "ގައުމައިގެން ކުރިއަށް" ކޯލިޝަނާ އެކު އެ ޕާޓީން ކޯލިޝަން ހެދީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާފައިވާ "ޖަރީމާތައް" ދެވަނަ ފަހަރަށް ހިންގުމުގެ ފުރުސަތު ނުދިނުމަށް ކަމަށާއި ނަމަވެސް ކޯލިޝަނާ އެކު ކުރި މަސައްކަތުން އެކަމަށް އެއްވެސް ކުރިމަގެއް ލިބިފައިނުވާ ކަމަށެވެ.


"މި ކޯލިޝަނުން މިހާ ހިސާބަށް ކުރެވުނު މަސައްކަތުން ނަޝީދުގެ ކިބައިން މި ގައުމު ސަލާމަތް ކުރުމަށް ކުރި މަސައްކަތަށް އެއްވެސް އަލިމަގެއް ފެންނާނެ ކަމަށް ނުފެންނާތީ އާއި ކޯލިޝަން ތެރޭގައި ހަގީގަތް ނޭނގޭ ކަންތައްތަކެއް ހިނގަމުންދާތީ އާއި މިރޭ އަދާލަތު ޕާޓީން މަޝްވަރާ މަޖިލީހުގެ ބޭއްވި ބައްދަލުވުމުން 97 ޕަސެންޓުގެ އަގުލަބިއްޔަތުން މި ކޯލިޝަނުން ވަކިވުމަށް ނިންމީ،" އިމްރާން ވިދާޅުވި އެވެ.

ކޯލިޝަން ތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނަމަވެސް ކޯލިޝަނުން ވަކިވުމަށް ނިންމީ އެކަމަށް އެއްވެސް ހައްލެއް ނުލިބުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ކޯލިޝަނުން އެ ޕާޓީ ވަކިވި ނަމަވެސް ރައްޔިތުން ގޮވައިގެން އަމާން ބަނދަރަކަށް ދެވޭނެ ގޮތެއް ހޯދުމަށް އަދާލަތުން ކެނޑިނޭޅި މަސައްކަތްކުރަމުންދާނެ ކަމަށެވެ.

އަދާލަތު ޕާޓީގެ ނިންމުމާ ގުޅިގެން "ގައުމައިގެން ކުރިއަށް" ކޯލިޝަނުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީއާއި އެ ކޯލިޝަނާ ހިޔާލު ތަފާތުވެފައިވާ ދަނޑިވަޅު އަދާލަތު ޕާޓީގެ ނިންމުމާ މެދު އެއްވެސް "ހިތްބަރުކަމެއް ނެތް" ކަމަށެވެ.

"ގައުމަށް ކުރިއަށް ކޯލިޝަނާއި އަދާލަތު ޕާޓީއާ ދެމެދު ވިސްނުން ތަފާތުވެފައިވާ މި ދަނޑިވަޅުގައި މި ކޯލިޝަނާއި އަދާލަތު ޕާޓީއާ މެދު ހިތްބަރުކަމެއް ނެތެވެ. މި ކޯލިޝަނުން އެ ޕާޓީ އަށް އެދެނީ ކުރިއެރުމާއި ފާހަގަތިކަމެވެ. އަޅުގަނޑުމެން އެދެނީ ރިޔާސީ އިންތިހާބަށްފަހުގައި ވެސް އަދާލަތު ޕާޓީއާ އެކު މަސައްކަތްކުރުމެވެ." ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައިވެ އެވެ.