07 Nov 2010, 07:43
ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިހާރު ކޮސޯވޯ އަށް ކުރައްވަމުން ގެންދަވާ އަމިއްލަ ދަތުރުފުޅެއްގައި ކޮސޯވޯ ޔުނިވަސިޓީގެ ފަރާތުން އެ ޔުނިވަސިޓީގެ ޕުރޮފެސަރު ކަމުގެ ޝަރަފު އެ މަނިކުފާނަށް އަރުވައިފި އެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަންސް އިރުޝާދާ އަބްދުއްސައްތާރު މިއަދު ވިދާޅުވީ ޑރ. ޝަހީދަށް އެ ޝަރަފު ލިބިވަޑައިގަތީ ބައިނަލްއަގުވާމީ ފެންވަރުގައި ޑިމޮކުރަސީ ހަރުދަނާ ކުރެއްވުމަށް އެ މަނިކުފާން ކުރައްވަމުން އަންނަ މަސައްކަތްތަކާއި އިންސާނީ ހައްގުތައް ކުރިއެރުވުމާއި އަދި ހާރިޖީ ގޮތުން އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޑރ. ޝަހީދަށް އެ ޝަރަފު އެރުވުމަށްޓަކައި ކޮސޯވޯ ޔުނިވަސިޓީގައި ހުކުރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޮސޯވޯ އަށް މިނިވަންކަން ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު އަދާކުރެއްވި ދައުރަށް ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަރަށް ބޮޑަށް ތައުރީފުކުރެއްވި އެވެ.
އިރުޝާދާ ވިދާޅުވި ގޮތުގައި ޝަހީދު ކޮސޯވޯ އަށް ވަޑައިގަތުމުން އޭނާ އަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ވެސް ކިޔައިފަ އެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރާއި ހާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ކޮސޯވޯގެ މިނިވަން ކަމަށް ދިވެހި ރާއްޖެ އިން ތާއީދު ކުރެއްވި ކުރެއްވުމަށް އެ ދެ ބޭފުޅުން ވަނީ ދިވެހި ރާއްޖެއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
އެ ދަތުރުފުޅުގައި ޑރ. ޝަހީދު ވަނީ އެ ގައުމުގައި ތިއްބަވާ ބައިނަލްއަގުވާމީ ސަފީރުންނާއި ވެސް ބައްދަލްކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދިވެހި ރާއްޖެ އާއި އެގައުމުތަކާ ދެމެދު އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ޑރ. ޝަހީދު ވަނީ ކޮސޯވޯގައި ހުންނަ އެމެރިކަން ޔުނިވަސިޓިގައި ތަގުރީރު ކުރައްވައިފަ އެވެ. އެ ތަގުރީރުގައި ކޮސޯވޯ އަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކޮސޯވޯ ޔުނިވަސިޓީ އިން ވަނީ އަންނަ މަހުން ފެށިގެން ރާއްޖޭގެ ދެ ދަރިވަރަކަށް މަތީ ތައުލީމު ހާޞިލު ކުރުމުގެ ފުރުޞަތު ދޭނޭކަން ވެސް އިއުލާން ކޮށްފަ އެވެ.