10 Jul 2013, 23:35
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް އެފްއޭއެމްގެ ރައީސްގެ އެޑްވައިޒަރު މުހައްމަދު ޝަވީދު އަދި ނައިބު ރައީސް ކަމަށް މުހައްމަދު އަބްދުއް ސައްތާރު މިރޭ އިންތިހާބުކޮށްފި އެވެ.
މިރޭ ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި މިއިންތިހާބުގައި ޝަވީދަށް އަށް ވޯޓު ލިބިވަޑައިގެންނެވިއިރު އޭނާއާ ވާދަ ކުރެއްވި، މުހައްމަދު މާހިދު ޝަރީފަށް ލިބި ވަޑަގަތީ ހަތް ވޯޓެވެ. އަދި ނައިބު ރައީސްކަމަށް ކުރިމަތި ލެއްވި ސައްތާރަށް ނުވަ ވޯޓު ލިބިވަޑައިގެންނެވި އިރު އޭނާއާ ވާދަކުރެއްވި، އަހްމަދު ހާފިޒަށް ލިބިވަޑައިގަތީ ހަ ވޯޓެވެ.
އޮލިމްޕިކް ކޮމެޓީގެ ހަޒާންދާރަކަށް، މިހާރުވެސް އެމަގާމުގައި ހުންނެވި، ހުސެއިން ރަޝީދު އަށް ވޯޓުން ހޮވިވަޑައިގެންނެވި އިރު އެމަގާމަށް އޭނާއާ ވާދަކުރެއްވި މުސްތަފާ މުހައްމަދަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ގަވައިދުގައި ވާގޮތުގެ މަތިން 11 ޖުލައި 2013 އިން ފެށިގެ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް އިންތިހާބުކުރާ ހިންގާ ބޯޑު ނެގުމަށް ބޭއްވުނު އިންތިހާބުގައި، 18 އެސޯސިއޭޝަނަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާކަމަށް ކުރިން ހަމަޖައްސާފައި ވީ ނަމަވެސް، މިއަދު ހަވީރު އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުން ތިން އެސޯސިއޭޝަނަކަށް ވޯޓު ނުލެވޭނޭ ކަމަށް ނިންމާފައިވާތީ ވޯޓުގައި ބައިވެރި ވެފައި ވަނީ 15 އެސޯސިއޭޝަނެކެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީއަށް އޮލިމްޕިކް ޓީމް ސްޕޯޓްސްގެ ދެ ޖާގައަށް ހޮވުނީ، 15 ވޯޓު ހޯދައިގެން ބާސްކެޓްބޯލް އެސޯސިއޭޝަން އަދި އަށް ވޯޓު ހޯދައިގެން ހޭންޑްބޯލް މޯޑިވްސް އެވެ. އެ މަގާމަށް ދެން ވާދަކުރި ވޮލީބޯލް އެސޯއިއޭޝަނަށް ލިބުނީ ހަތް ވޯޓެވެ. އަދި އެފްއޭއެމްގެ ފަރާތުން އެމަގާމަށް ކުރިމަތިލާފައިވީ ނަމަވެސް އެފްއޭއެމްގެ ފަރާތުން ހިންގާ ކޮމެޓީގެ ރައީސް ކަމަށް ކުރިމަތި ލެއްވި ޝަވީދަށް އެމަގާމު ލިބުމުން އޮލިމްޕިކް ކޮމެޓީގެ ގަވާއިދު ބުނާގޮތުން ހިންގާ ކޮމެޓީގައި ތަމްސީލު ކުރެވެނީ ކޮންމެ ކުޅިވަރަކަށްވެސް އެއް ޖާގަ ކަމަށްވާތީ އެފްއޭއެމްވަނީ ވޯޓުން ބޭރުވެފަ އެވެ.
އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯޓްސްގެ ތިން ޖާގައަށް ކުރިމަތިލީ ކުޅިވަރުތަކުގެ ތެރެއިން، ޓޭބަލް ޓެނިސް އެސޯސިއޭޝަނަށް 15 ވޯޓް، ބެޑްމިންޓަން އެސޯސިއޭޝަނަށް 15 ވޯޓް އަދި ޓެނިސް އެސޯސިއޭޝަނަށް 8 ވޯޓު ލިބިގެ ހޮވުނުއިރު އެ ތިން ޖާގައަށް ވާދަކުރި އެތުލެޓިކްސް އެސޯސިއޭޝަނަށް ލިބުނީ ހަތް ވޯޓެވެ.
ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ ޖާގައަށް ކުރިމަތިލީ، ޗެސް ފެޑެރޭޝަނަށް 12 ވޯޓު ލިބިގެން ހޮވުނު އިރު އެ ޖާގައަށް ކުރިމަތިލީ މޯލްޑިވްސް ސާފިން އެސޯސިއޭޝަނާއި ނެޓްބޯލް އެސޯސިއޭޝަނަށް ފުރަތަމަ ބުރުން 7 ވޯޓުލިބިގެން އެއްވަރުވުމުން ދެވަނަ ބުރަކަށް ގޮސްގެން ނުވަ ވޯޓު ހަ ވޯޓުން އެ ޖާގަ ހޯދީ ސާފިން އެސޯސިއޭޝަނެވެ. އަދި އެ ޖާގައަށް ދެން ވާދަކުރި މޯލްޑިވްސް ކްރިކެޓް ބޯޑަށް ލިބުނީ ހަތަރު ވޯޓެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އެކްސްކޯގެ އަންހެން ދެ މެންބަރުން ހޮވުމަށްލީ ވޯޓުގައި އެންމެ ދެ ކެންޑިޑޭޓުން ވާދަކޮށްފައި ވާތީ، އެމަގާމަށް ކްރިކެޓްބޯޑުން ކުރިމަތިލީ އައިޝަތު އަފްރާ މުހައްމަދު އާއި، އެތުލެޓިކްސް އެސޯސިއޭޝަނުން ކުރިމަތި ލެއްވި އާމިނަތު ޝާޒުލީން ވަނީ އޮޓޮމެޓިކުން އެ މަގާމަށް ހޮވިފަ އެވެ.
ވޯޓް ލުމުގެ ފުރުސަތު ގެއްލުނު ތިން އެސޯސިއޭޝަންގެ ތެރެއިން ކެރަމް އެސޯސިއޭޝަނާއި ޖިމްނާސްޓިކް އެސޯސިއޭޝަނަށް އެ ހައްގު ގެއްލުނީ، އެ ދެ އެސޯސިއޭޝަނަކީ އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުގެ މެމްބަރުންނަށް ނުވާތީ އެވެ. އަދި މޯލްޑިވްސް ބޮޑީ ބިލްޑިން ފެޑެރޭޝަނަށް ވޯޓުލުމުގެ ފުރުސަތު ގެއްލުނީ، އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުން، އިންޓަނޭޝަނަލް ބޮޑީބިލްޑިން ފެޑެރޭޝަން ސަންޕެންޑް ކޮށްފައި ވާތީ އެވެ.
ފުރުސަތު ގެއްލުނު ތިން އެސޯސިއޭޝަނުންވެސް ކެންޑިޑޭޓުން ނެރެފައިވާތީ، އެ ތިން އެސޯސިއޭޝަނުގެ ކެންޑިޑޭޓުންނަށް އެހެން އެސޯސިއޭޝަންތައް މެދުވެރިކޮށް ކުރިމަތި ލުމުގެ ފުރުސަތު ދިނުމުން، ހަޒާން ދާރަކަށް ކުރިމަތި ލެއްވި ހުސައިން ރަޝީދަށް ފުރުސަތު ލިބުނީ، މޯލްޑިވްސް ޝޫޓިން އެސޯސިއޭޝަނުންނެވެ. އަދި ބޮޑީ ބިލްޑިން އިން އަންހެން މެމްބަރުގެ މަގާމަށް ނަން ހުށަހެޅި އައިމިނަތު ޝާޒްލީނަށްވަނީ އެތުލެޓިކްސް އެސޯސިއޭޝަނުން ފުރުސަތު ލިބިފަ އެވެ.