ރާއްޖޭގައި ކޮރަޕްޝަން އެންމެ ބޮޑަށް އަށަގެންފައި ވަނީ ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތައް ކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ކުރި ސާވޭއަކުން ދައްކައިފި އެވެ.

ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އިން މިއަދު އާއްމުކުރި ބައިނަލްއަގުވާމީ މިންގަނޑުގައިވާ ގޮތުން އެ ސާވޭއަށް މައުލޫމާތުދިން 78 ޕަސެންޓް މީހުން ދެކޭ ގޮތުގައި ރާއްޖޭގައި އެންމެ ބޮޑަށް ކޮރަޕްޓްވެފައި ވަނީ ރައްޔިތުންގެ މަޖިލީހެވެ. އަދި 75 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ދެވަނައަށް އެންމެ ބޮޑަށް ކޮރަޕްޓްވެފައި ވަނީ ސިޔާސީ ޕާޓީތަކެވެ. އަދި އެ ސާވޭއަށް މައުލޫމާތު ދިން މީހުންގެ 69 ޕަސެންޓް މީހުން ބުނެފައިވާ ގޮތުން ތިންވަނަ އަށް އެންމެ ބޮޑަށް ކޮރަޕްޝަން އަށަގެންފައި ވަނީ ޝަރުއީ ދާއިރާގަ އެވެ.

އެ ސާވޭ ދައްކާ ގޮތުން މިދިޔަ އެއް އަހަރުގެ ތެރޭގައި ބިން ބިމާ ގުޅޭ ކަންތައްތަކުގައި ހަ ޕަސެންޓް މީހުން ރިޝްވަތު ދިން ކަމަށް ބުނެފައިވާ އިރު ހަތަރު ޕަސެންޓް ވަނީ ރަޖިސްޓްރީ ކުރުމާއި ހުއްދަ ހޯދުމުގެ ކަންތައްތަކުގައި ރިޝްވަތު ދިން ކަމަށެވެ. އަދި ތިން ޕަސެންޓް މީހުން ވަނީ ފުލުހުންނަށް ވެސް ރިޝްވަތު ދީފައިވާ ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން ޖުޑިޝަރީ އާއި ސިއްހީ ހިދުމަތާއި ކަރަންޓާއި ފެނުގެ ހިދުމަތް ހޯދަން ވެސް ރިޝްވަތު ދީފައިވާ ކަމަށް އެ ސާވޭގައި ބުނެފައިވެ އެވެ.

ޓްރާންސްޕޭރަންސީގެ ސާވޭ ދައްކާ ގޮތުން އެއްވެސް ގޮތަކަށް ރިޝްވަތު ދީފައިނުވަނީ ޓެކްސް އާ ގުޅޭ ކަންތައްތަކުގަ އެވެ.

އެ ސާވޭގައި މައުލޫމާތު އެއްކުރި 107 ގައުމުގެ 114،000 މީހުންގެ 38 ޕަސެންޓް މީހުން ދެކޭ ގޮތުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި ކޮރަޕްޝަން ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ.

ޓްރާންސްޕޭރަންސީން ކުރި ސާވޭގައި މައުލޫމާތު ދިން މީހުންގެ ތެރެއިން 29 ޕަސެންޓް މީހުން ބުނެފައި ވަނީ ކޮރަޕްޝަން ހުއްޓުވުމަށް އެކަށީގެންވާ ވަރަށް ސަރުކާރުން މަސައްކަތްނުކުރާ ކަމަށެވެ. އަދި އަމިއްލަ ބޭނުމަށް މަސައްކަތްކުރާ މީހުންގެ ނުފޫޒު ސަރުކާރުގެ އިދާރާތަކަށް ފޯރާފައިވާ މިންވަރު ވެސް ބަލައިފައިވެ އެވެ. އެގޮތުން ސާވޭގައި މައުލޫމާތުދިން 46 ޕަސެންޓް މީހުން ބުނެފައި ވަނީ އަމިއްލަ ބޭނުމަށް މަސައްކަތްކުރާ މީހުންގެ ނުފޫޒު ސަރުކާގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ.

އެ ސާވޭގައި މައުލޫމާތު ދިން މީހުންގެ 62 ޕަސެންޓް މީހުން ބުނެފައި ވަނީ ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ.