10 Jul 2013, 22:54
އައްޑޫ ސިޓީ ހިތަދޫގައި ހިނގި މާރާމާރީއެއްގައި ބިދޭސީއަކަށް ހަމަލާދީ އެމީހާގެ ލޯމަތި ފަޅައިލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިނގި އެ މާރާމާރީ ހިނގާފައި ވަނީ ހިތަދޫ ތެމޯރާގެ ކައިރީގައި ކަމަށާއި އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެރޭ 18:30 އެހާކަންހާއިރު ކަމަށެވެ. އަދި އެމާރާމާރީގައި އެމީހާގެ ލޯމަތި ފަޅައިގެން ގޮސް، އިތުރަށް ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ މާރާމާރީގައި ޒަހަމްވެފައި ވަނީ އެ ރަށުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ. އެ މައްސަލަަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.