10 Jul 2013, 22:16
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އުމްރާއަށް ވަޑައިގަތުމަށް ބޭނުންވާ ވިސާ ލިބުމުގައި އެންމެ ބޮޑަށް ހުރަސްއަޅަމުން ގެންދަނީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީން ނުފޫޒު ފޯރުވަމުން ގެންދާތީ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނަޝީދު ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދަށް ސައުދީއަށް ވަޑައިގަތުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވުމާ ގުޅިގެން އެކަން ކުށްވެރިކޮށް އެމްޑީޕީން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އުމުރާގެ ދަތުރުފުޅަށް ހުރަސް އެޅުމުގައި މިހާރު މިއޮތް ސަރުކާރަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ގަބޫލުކުރެވެނީ އަދާލަތު ޕާޓީން ކަމަށް ދެކޭ ކަމަށެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދު ސައުދީއަށް ކުރައްވަން ބޭނުންފުޅުވާ ދަތުރުފުޅަކީ ސިޔާސީ ބޭނުމެއްގައި ކުރައްވާ ދަތުރުފުޅެއް ނޫން ކަަމަށާއި އުމުރާގެ މަތިވެރި އަޅުކަމެއް ކުރުމަށް ނަޝީދު ކުރެއްވުމަށް ހަމަޖެހިފައި ދަތުރުފުޅަށް ފުރާވަޑައިގަތުމަށް ބޭނުންވާ ވިސާ ހޯދައިދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދެވޭ މިންވަރަކަށް މަސައްކަތް ކުރަމުން ނުގެންދާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.
"ދައުލަތުގެ އެންމެ މަތީ ވެރިކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށްމެ އިއްޒަތާއި ގަދަރާއި އެކަށީގެންވާ ރައްކާތެރިކަމާއި މާލީ އިނާޔަތާއި އެހެނިހެން އިނާޔަތްތައް ވަކި ހާއްސަ ގާނޫނަކުން ކަށަވަރުކޮށްދީފައިވާއިރު، އެކަން ކަމަށް ބެލުމެއްނެތި، ރައީސް ނަޝީދު މީގެކުރީގެ ދަތުރުފުޅުތަކަކަށް ވެސް ގާނޫނު އަސާސީއާއި ގާނޫނާ ހިލާފަށް މިހާރު މިއޮތް ސަރުކާރުން ހުރަސް އަޅާފައިވާކަން މިފުރުސަތުގައި ވެސް ފާހަގަކުރަން،" އެމްޑީޕީގެ ނޫސް ބަޔާނުގައިވެ އެވެ.
ވީވީއައިޕީ ބޭފުޅުންގެ ގޮތުގައި އުމްރާއަށް ވަޑައިގެންނަވާ ބޭފުޅުންނަށް ވިސާ ޕްރޮސެސް ކުރެވޭނީ ސައުދީ ގަނޑުވަރުން ހުއްދަ ލިބިގެން ކަމަށް ސައުދީ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރާ ހަވާލާދީ ފޮރިން މިނިސްޓްރީ މިއަދު ވަނީ ބުނެފަ އެވެ. އަދި ވިހާވެސް އަވަހަކަށް ވިސާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.