10 Jul 2013, 21:27
ރާއްޖެއަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ސްރީލަންކާގެ ސަރުކާރުގައި އެދިފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.
ކޮލަމްބޯ ޕޭޖުގައި ބުނެފައި ވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މަހިންދަ ރާޖަޕަކްސައާ އިއްޔެ ހަވީރު ޓެމްޕަލް ޓްރީސްގައި ބައްދަލުކުރައްވައި ރާއްޖެއަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
މިނިސްޓަރު ނާޒިމާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ބައެއް ބާވަތްތައް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެއާއެކު ހަނޑުލާއި ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އެ ބައްދަލުވުމުގައި ރައީސް ރާޖަޕަކްސަ ވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ހަނޑޫ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އަދި ގޯތިތެރޭގައި ހެއްދޭ ބާވަތްތައް އިތުރުކުރުމަށް ސަރުކާރުން ހިތްވަރު ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ކޮލަމްބޯ ޕޭޖުގައި ބުނެފައިވެ އެވެ.
އެ ނޫހުގައި ބުނެފައި ވަނީ މިނިސްޓަރު ނާޒިމާއި ރައީސް ރާޖަޕަކްސަގެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށާއި އެއާއެކު ލަންކާގެ ދަނޑުވެރިކަމުގެ ތަޖުރިބާ ދިވެހިންނާ ހިއްސާކުރެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށެވެ.
މިނިސްޓަރުގެ އެ ބައްދަލުކުރެއްވުމުގައި ޕްރިންސިޕަލް ޑައިރެކްޓަރު އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން ލެފްޓިނެންޓް ކާނަލް އިބްރާހިމް ހިލްމީ ހައިކޮމިޝަނާ ހުސެއިން ޝިހާބާއި ލަންކާއަށް ކަނޑައާޅައި ހުންނަ ޑިފެންސް އެޑްވައިޒަރު ލެފްޓިނެންޓް ކާނަލް މުހައްމަދު މުހުތާރު ވެސް އެ ބައްދަލުވުގައި ބައިވެރިވި އެވެ.
މިނިސްޓަރު ނާޒިމް ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އިންޑިއާއި ލަންކާ އަދި ދިވެހިރާއްޖެއާއެކު ކަނޑުމަތީ ސަލާމަތާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ.