މާލޭގައި ދުއްވާ ވެހިކަލްގެ އަދަދު އިންތިހާއަށް އިތުރުވެ މަގުތައް ތޮއްޖެހިފައިވާ މައްސަލައަށް ހައްލެއް ހޯދަން، އެންމެ ގިނަވެގެން ދުއްވޭނެ އަދަދެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ސަންއާ ވާހަކަދައްކަވަމުން އެ އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ އަލަށް އަމަލުކުރާ އުސޫލާއެކު މާލޭގައި އެ ވެހިކަލެއް އެންމެ ގިނަވެގެން ދުއްވޭނެ މުއްދަތު ވެސް ކަނޑައަޅާނެ ކަމަށެވެ.

އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގައިވާ ގޮތުން އެ ރަށެއްގައި އެންމެ ގިނަވެގެން ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމުގެ އިހުތިޔާރު ކަމާ ބެހޭ އިދާރާތަކަށް ލިބިދެ އެވެ.

"މާލޭގައި މިހާރު އެއްވެސް ވަރަކަށް އެއްޗެއް ދުއްވޭވަރެއް ނުވޭ. މި ރޯދަމަހުގެ ހަވީރު ވަގުތު މަގުތައް ބަލައިލީމަ އެކަން ފެންނާނެ. މަގުމަތީގައި ޕާކުކުރާ ތަންތަން ފުރިފައި މިއޮތީ. ޓްރެފިކް އަބަދުވެސް އޮންނަނީ ތޮއްޖެހިފައި. އެހެންވީމަ އެކަން ހައްލުކުރަން ކޮންމެހެން ވެސް މަސައްކަތްކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ އެންމެ ގިނަވެގެން ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމަށްފަހު، އިތުރަށް ވެހިކަލް އެތެރެކުރަން ހުއްދަ ދެވޭނީ މާލޭގައި ކަނޑައަޅާފައިވާ އަދަދުގެ ތެރެއިން ބާކީ ހުންނަ މިންވަރަށް ކަމަށެވެ.

"މިހާރު ވެސް މަހަކު އެވްރެޖްކޮށް 20 ނުވަތަ 30 ކާރު އެބަ އެތެރެކުރޭ. އަދި ހަމައެއާއެކު އެތައް ސަތޭކަ ސައިކަލެއް މަހަކު އެބަ އެތެރެކުރޭ. މި ގަވައިދަށް އަމަލުކުރަން ފެށުމުން ކަނޑައަޅާފައިވާ އަދަދުގެ ތެރޭގައި އަޅުގަނޑުމެން ހިފަހައްޓާނަން. ވެހިކަލެއް އެތެރެކުރި ނަމަވެސް ރަޖިސްޓްރީކުރެވޭނީ ދުއްވަން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރުނުވާ ނަމަ. އެހެން ނޫނީ މިކަން ކޮންޓްރޯލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ މާލޭގައި އެންމެ ގިނަވެގެން ދުއްވޭނެ އަދަދު ކަނޑައަޅާނީ މާލޭގައި ހުރި ޕާކިން ޖާގައިގެ ބޮޑު މިނަށް ބަލައިގެން ކަމަށެވެ.

"މިހާރު ވެސް އޮންނާނެ އުފެއްދި ތާރީހުން ފެށިގެން ފަސް އަހަރުވެފައިވާ އުޅަނދެއް އެތެރެނުކުރެވޭނެ ކަމަށް. އަދި މިހާރު ހަމަޖައްސާފައިވާނެ ޓެކްސީގެ ތެރެއިން 20 އަހަރުވީ އުޅަނދުތަކަށް ހުއްދަ ނުދޭ ގޮތަށް. ކުރިޔަށް އޮތްތަނުގައި ހަމަޖައްސާނަން ވަކި އަހަރެއްވީ އުޅަނދެއް މާލޭގައި ނުދުއްވޭނެ ކަމަށް ވެސް،" އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ މާލޭގައި ދުއްވާ ވެހިކަލްގެ އަދަދު އިންތިހާއަށް އިތުރުވެ، ވެހިކަލް ދުއްވާ މީހުންގެ ޑިސިޕްލިން ވެސް ވަރަށް ދަށް ކަމަށެވެ.

"ހަމަ އެ މީހަކު ހިތައްއެރި ގޮތަކަށް ދުއްވަނީ. މަޑުކުރާކަށް ވެސް ވަކި ތަނެއް ތަނެއް ނޯވޭ. ހާއްސަކޮށް ބޭރު މީހުންގެ ފަރާތުން މިކަން ފެންނަލެއް ބޮޑު. ނަމަވެސް ކުރިޔަށް އޮތްތަނުގައި ޑިސިޕްލިން ހިފެހެއްޓުމަށް ޓްރެފިކް ފުލުހުންނާ ގުޅިގެން ހާއްސަ އިސްކަމެއްދޭނަން،" އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި އެންމެ ގިނަވެގެން ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން އެ ވެހިކަލެއް އެތަނުން ބޭރުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް ހަމަޖައްސާނަން އެ ވެހިކަލެއް އެންމެ ގިނަ ދުއްވޭނެ މުއްދަތަށްފަހު ދެން އަމަލުކުރަން ޖެހޭނެ ގޮތެއް،" ނާފިޒު ވިދާޅުވި އެވެ.