އަންނަ ސެޕްޓެމްބަރު މަހުގެ 1 ން 11 އަށް ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ، ސާފް ޗެމްޕިއަންޝިޕްގެ ތާރީހަށް އިތުރު ބަދަލެއް އަންނާނޭ ކަމަށް ލަފާ ނުކުރެވޭ ކަމަށް އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނެޝަނަލް ޓީމްސް، އަލީ ސުޒޭން ވިދާޅުވެއްޖެ އެވެ.

ކުރިން، ސެޕްޓެމްބަރު 20ން 31ށް ބާއްވަން ޝެޑިއުލްކޮށްފައި އޮތް މުބާރާތް، ސެޕްޓެމްބަރު މަހުގެ 1 އިން 11 އަށް އަވަސްކުރީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އިންޑިއާގެ އީސްޓް ބެންގާލް، އޭއެފްސީ ކަޕްގައި ވާދަކުރާތީވެއާއި އަދި އެ ތާރީޚް ތަކާއި މުބާރާތް ބާއްވާ ތާރީހްތަކާ ފުށު އަރާތީ އެވެ.

އެހެން ނަމަވެސް ސާފްޗެމްޕިއަންޝިޕް ތާރީހް އަވަސް ކުރުމުން، އަންނަ މަހުގެ 17 އަދި 24 ގައި އޭއެފްސީ ކަޕްގައި ވާދަކުރަން ޖެހޭ ނިއުއިން ވަނީ، ސާފް ޗެމްޕިއަންޝިޕް ފަސް ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށްއެދި އެފްއޭއެމްއާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އަދި އޭއެފްސީގެ އެކްސްކޯ މެމްބަރު ރައީސް އަލީ އާޒިމްއަށް ހުށަހަޅާފަ އެވެ.

"މިހާރު އެއަށް [ނިއުގެ ސިޓީއަށް] ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކޮށް ނިމިފައި އެވަނީ. އެއަށް އަދި ޖަވާބެއް ނާދޭ. އެހެން ނަމަވެސް ގަބޫލު ކުރެވޭ ގޮތުގައި ސާފް ޗެމްޕިއަންޝިޕް ބާއްވާ ތާރީހަށް އެއްވެސް ބަދަލެއް އަންނާނޭ ކަމަކަށް ހިޔެއް ނުވޭ،" ސުޒޭން ވިދާޅުވި އެވެ. "މިސާލަކަށް ޑިސެމްބަރަށް މުބާރާތް ޝިފްޓް ކުރަން ބަލާއިރު، ނޭޕާލުގެ ފިނިހޫނުމިން ހުންނާނީ 7 ނުވަތަ 8 ހިސާބުގަނޑުގަ. އެހެންވީމަ އެއަށް ބަލާއިރުގަ މިސަރަހައްދުގެ އެއްވެސް ގައުމަކުން ބޭނުމެއް ނުވާނެ، އެ ފިނީގައި އެތަނަށް ގޮސް ކުޅޭކަށް"

ސުޒޭން ވިދާޅުވީ، މުބާރާތް ކުޅޭ ތާރީހަށް ބަދަލެއް ގެނައުމަށް އެންމެ ނުފޫޒު ގަދަ ގައުމަކަށް އޮންނާނީ އިންޑިއާ ކަމަށާއި އަދި މިހާރު ހަމަޖެހިފައި މިވާ ތާރީހަކީ އިންޑިއާއަށް ފަސޭހަ ދުވަސް ވަރަކަށް ވުމުން އިންޑީއާއިން މުބާރާތް ފަސް ކުރަން ނޭދޭނޭ ކަމަށެވެ.

"އިންޑިއާގެ ލީގާއި، އިންޑިއާގެ ހުރިހާ ކަމަކަށް ބަލާއިރު އިންޑިއާއަށް މާބޮޑު މައްސަލައެއް ނެތް ދުވަސްތަކެއް. އެހެންވީމާ އެގޮތުން ސާފް ޗެމްޕިއަންޝިޕްގެ ތާރީހަށް ބަދަލެއް ގެނައުން އެއީ އެހާ ފަސޭހަ ކަމަކަށް ނުވާނެ" ސުޒޭން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޮވެމްބަރު މަހަށް ބަދަލު ކުރަން ބެލި ކަމުގައިވީ ނަމަވެސް، އެދުވަސްވަރު ދިމާވަނީ ސާފް ޗެމްޕިއަންޝިޕްގެ މެއިން ސްޕޮންސަރު، ވޯލްޑް ސްޕޯޓްސް ގްރޫޕް (ޑަބްލިޔުއެސްޖީ)ގެ އެންމެ ބިޒީ ދުވަސް ވަރާ ކަމަށް ވުމުން، އެ ގޮތަށް ބަދަލު ކުރަން އެފަރާތުންވެސް ނޭދޭނޭ ކަމަށެވެ.

"އެމީހުން މުޅި އަހަރު ދުވަހުކުރާ އެންމެ ބޮޑު އިންވެސްޓްމަންޓުގެ އެންމެ ބިޒީ ދުވަސްވަރަކީ މިހާރު މިކުޅޭ އޭއެފްސީ ކަޕްގެ ފައިނަލާއި، އެމީހުންގެ އެންމެ ވަރުގަދަ މުބާރާތް ޗެމްޕިއަންސް ލީގުގެ ފައިނަލް އަންނާނީ އެދުވަސްވަރު. އެހެންވީމާ އެމީހުން ބޭނުމެއް ނުވާނެ އެމީހުންގެ ކޮންސެންޓްރޭޝަން އެދުވަސްވަރު އެހެން ކަމަކަށް އަނބުރާލާކަށް" ސުޒޭން ވިދާޅުވި އެވެ.

ސުޒޭން އިތުރަށް ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕް ކުރިން އޮތް ތާރީހަށްވުރެ އަވަސް ކޮށްފައި ވަނީވެސް އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލާ ކުޑަކޮށް ދުރުކޮށްލަން ކަމަށާއި، އެހެން ކަމުން އިތުރަށް އެ ތާރީހަށް ބަދަލެއް އަތުވެދާނޭ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

"ދެން އިތުރަށް އެފްއޭއެމްއިން ކުރަން ޖެހޭ މަސައްކަތެއް އޮތަސް އެމަސައްކަތެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން ކުރިއަށް މިއޮތް ދުވަސްކޮޅުގެ ތެރޭގައި،" ސުޒޭން ވިދާޅުވި އެވެ.

ނިއުރޭޑިއަންޓުން ސާފް ޗެމްޕިއަންޝިޕް ފަސްކުރުމަށް އެދުނީ، އެ ކްލަބްގެ ސްކޮޑްގައި ގައުމީ ޓީމުގެ 50 ޕަސެންޓަށްވުރެ ގިނަ ކުޅުންތެރިން ހިމެނޭ އިރު، ސާފް ޗެމްޕިއަންޝިޕްގެ ވަރުބަލިކަންމަތީ ތިބެގެން ހަމަ އެ ކުޅުންތެރިން އޭގެ ހަފްތާއެއް ފަހުން އޭއެފްސީ ކަޕްގެ ވަރުގަދަ ކުއާޓާ ފައިނަލާއި ކުރިމަތިލާން ޖެހޭތީވެ އެވެ.