މިއަހަރުގެ ފިތުރު އީދާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައިބަލާ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހު ހުޅުވައިލާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެފި އެވެ.

ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ، އެހެން އަހަރު ތަކެކޭ ވެސް އެއްގޮތައް މިއަހަރުގެ މުބާރާތުގައި ވެސް ބައިވެރި ވުމުގެ ފުރުޞަތު އަންނަ ހުކުރު ދުވަހު ހުޅުވާލަން ނިންމާފައި ވާކަމަށާއި އެގޮތުން މުބާރާތުގެ ގަވާއިދާއި މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް އަންނަ ހުކުރު ދުވަހު އަވިސްޓާ ރެސްޓޯރަންޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރި ވުމުމުގެ އެންމެ ފަހު ތާރީހަމީ މިމަހުގެ 25 ވަނަ ދުވަސް ކަމަށް އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ، އެހެން އަހަރު ތަކާ ހިލާފަށް މިފަހަރުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ދެވޭ ފައިސާގެ އަގު ބޮޑުވާނެ ކަމަށާއި އެގޮތުން މިފަހަރުގެ ޗެމްޕިންއަން ޓީމަށް 75،000ރ. އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް މިފހަރު ދޭން ނިންމާފައި ވަނީ 40،000ރ. ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންޓީމަށް 50،000ރ ހުށަހަޅާފައި ވާއިރު ރަނަރަޕް ޓީމަށް އެފަރު ހުށަހަޅާފައި ވަނީ 25،000ރ އެވެ.


މި މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރީ ބީޖީ ސްޕޯޓްސް އެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 44 ޓީމް ވާދަކުރި އެވެ.