07 Nov 2010, 07:08
ސ. ހިތަދޫގައި ހިންގި މާރާމާރީއެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރަން ދިޔަ ފުލުހުންގެ ގުރޫޕަކަށް ބަޔަކު މީހުން ހަމަލާދީ ފުލުހުންގެ މީހެއްގެ ނޭފަތް ފަޅާލައި އޭގެ ތެރެއިން ބައެއް މީހުންނާއި ހައްޔަރު ކުރަން ދިޔަ މީހާ ފިލައިފި އެވެ.
އައްޑޫ ޕޮލިސް ސްޓޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ އަތޮޅުގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ މީހަކު ހުރި ތަނަކަށް ރޭ ތިން ފުލުހަކު ގޮސް އޭނާ ހައްޔަރު ކުރަން އުޅުމުން އެ މީހުން ފުލުހުންނަށް ހަމަލާދީ މަރާމާރީ ހިންގި ކަމަށާއި އަދި އެއް ފުލުހެއްގެ ނޭފަތް ފަޅައިލުމުގެ އިތުރަށް ފުލުހުންގެ ވެހިކަލްގެ ބިއްލޫރިގަނޑު ވެސް ތަޅާލި ކަމަށެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ ފުލުހުން ހައްޔަރުކުރަން ދިޔަ މީހާ ފިލީ އޭނާގެ އަތުގައި ބިޑް އެޅުވިފަހުން ބިޑިއާ އެކު ކަމަށެވެ. ނަމަވެސް އޭނާ ފިލުވަން މަސައްކަތް ކުރި ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފުލުހުންނާ ދެކޮޅަށް ހިންގި މާރާމާރީގައި ގިނަ ބަޔަކު ބައިވެރިވި ކަމަށާއި އަދި އޭގެ ތެރެއިން ވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.