10 Jul 2013, 16:59
އިނގިރޭސިވިލާތުގެ އާސެނަލް އިން ލުއިސް ސުއަރޭޒް އަށް ޝައުގުވެރިވާތީ އުފާކުރާކަމަށާއި ލިވަޕޫލް ދޫކޮށް ދާން ބޭނުންވާކަން އަނެއްކާ ވެސް އޭނާ ހާމަކޮށްފި އެވެ.
މިދިޔަ ސީޒަން ނިމުނުތާ މާގިނަ ދުވަހެއް ނުވަނީސް ލިވަޕޫލް ދޫކޮށް ދާން ބޭނުންވާކަން އުރުގުއޭ ފޯވާޑް ސުއަރޭޒް ހާމަކޮށްފައިވެ އެވެ.
އުމުރުން 26 އަހަރުގެ ސުއަރޭޒް ހޯދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަމުންދަނީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. ނަމަވެސް މިހާރު ސުއަރޭޒް ހޯދުމަށް އާސެނަލް އިން މަސައްކަތްކުރާކަން ރިޕޯޓްތަކުން ހާމަވަމުން ދެއެވެ.
"އަދި އެއްވެސް ހުށަހެޅުމެއް ނެތް. ނަމަވެސް ލިވަޕޫލް އަށް އެނގޭނެ ހުރިހާ އެއްޗެއް. އަހަރެން ލިވަޕޫލް ދޫކޮށް ދާން ބޭނުންވާވަރު އެކްލަބަށް އެނގޭނެ. އަހަރެންގެ ޓްރާންސްފާގެ ކަންތަކުގައި ހުންނާނީ އަހަރެންގެ އެޖެންޓް. އޭނާއަށް އެނގޭނެ އަހަރެން ބޭނުންވާ ކަންތައް. އަހަރެން މިވަގުތު މިހިރީ އަރާމްކުރުމަށް. އަހަރެން މިމަހު 21 ވަނަ ދުވަހުގެ ފަހުން އެކަންކަމާއި އުޅޭނަން. އޭގެ ކުރިން ވެސް ފޯން ކޯލަކުން އެކަންތައް ހަމަޖެހިދާނެ." އުރުގުއޭގެ ރޭޑިއޯ ސްޓޭޝަނަށް ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުންޏެވެ.
ޗެލްސީ އަށް ބަދަލުވިތޯ އެހުމަށް ބައެއް ރަޙްމަތްތެރިން ސުއަރޭޒް އަށް ގުޅުމުން އެކަން ޖޯކެއްގެ ގޮތުގައި ސިފަކުރާކަމަށް އޭނާ ބުނެފައި ވެއެވެ. "އާސެނަލް ފަދަ ޓީމްތަކުން ވެސް އަހަރެން ހޯދަން މަސައްކަތްކުރާތީ އުފާކުރަން. ޗެލްސީ އާއި ގުޅުނީތޯ އެހުމަށް ބައެއް ރަޙްމަތްތެރިން އަހަރެންނާއި ގުޅާ. ނަމަވެސް އަހަރެންނަށް އެކަން ސިފަކުރެވެނީ ޖޯކެއްގެ ގޮތުގައި." ސުއަރޭޒް ބުންޏެވެ.
މިދިޔަ ސީޒަންގައި ސުއަރޭޒް ވަނީ 30 ލަނޑު ކާމިޔާބުކޮށްފަ އެވެ. ސުއަރޭޒް އާއި ލިވަޕޫލް އާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2018 ގައެވެ. އަޔެކްސް އިން ލިވަޕޫލް އަށް ބަދަލުވިތާ 18 މަސްފަހުން ސުއަރޭޒް އޭނާގެ ކޮންޓްރެކްޓް އާކޮށްފައި ވެއެވެ.