ކުރީގެ ރައީސް މުހައްމަދު ނަޝީދު އުމުރާ އަށް ވަޑައިގަތުމަށް ޓަކައި ސައުދީ އަރަބިއްޔާ އިން ހޯދަން ޖެހޭ ވިސާ ވީހާ ވެސް އަވަހަކަށް ލިބޭތޯ ސައުދީގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރާއްޖޭގެ ހާރިޒީ އިދާރާ އިން ބުނެފި އެވެ.

ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނަޝީދު ސަރުކާރުގެ ބަންޑާރަ ނައިބް އަހުމަދު އަލީ ޝަވާދަށް ސައުދީއަށް ވަޑައިގަތުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވުމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ސާވިސަސް ޑިވިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދާއި ޝާހިދު އުމްރާއަކަށް ވަޑައިގަންނަވާކަން އެ ޑިވިޝަނަށް އަންގާފައި ވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ ފޮނުއްވި އެސްއެމްއެސްއަކުން މިދިޔަ މަހުގެ 23ގައި ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެބޭފުޅުންގެ ވިސާގެ ކަންތައްތައް ހަމަޖެއްސެވުމަށް ފޮރިން މިނިސްޓަރު އެދިވަޑައިގަތުމާ އެކު ޝާހިދުގެ ވިސާގެ ކަންތައްތައް ހަމަޖައްސަވަން ބޭނުންފުޅު ވަނީ ކޮން ގޮތަކަށްތޯ ބަލާއޮޅުން ފިލުވައި ނަޝީދުގެ އޮފީހަށް ވިސާ ފޯމް ފޮނުވުމަށް ޓަކައި މިނިސްޓްރީގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓާއި ހިއްސާކޮށްފައިވާނެ ކަމަށް ވެސް ކަމަށެވެ. ނަމަވެސް ވިސާ ފޯމް ފުރިހަމަ ކުރުމަށް ފަހު އެ މިނިސްޓްރީ އަށް ލިބިފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

"ފޯމްތައް ލިބެންވާއިރަށް ގައުމުތަކުގެ އިއްޒަތްތެރިންގެ ވިސާގެ ކަންތައްތައް ހަމަޖެހިފައި އޮންނަ ގޮތް އުޅުން ފިލުމަށް ފޯނުގެ ޒަރިއްޔާ އިން ކޮލޮމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ގުޅާ މަޝްވަރާކުރަމުން ގެންދެވިފައިވޭ. އަދި މަޖިލިސް އިދާރާގެ ސްޕީކާސް ބިއުރޯއަށް ގުޅާ ވިސާ ފޯމްތައް ފުރިހަމަ ކުރުމަށް ފަހު މި މިނިސްޓްރީ އަށް އަވަހަށް ފޮނުވައިދިނުމަށް ތަކުރާރުކޮށް އެކި ފަހަރު މަތިން ދެންނެވުނު،" އެ ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ވީވީއައިޕީ ބޭފުޅުންގެ ގޮތުގައި އުމްރާއަށް ވަޑައިގެންނަވާ ބޭފުޅުންނަށް ވިސާ ޕްރޮސެސް ކުރެވޭނީ ސައުދީ ގަނޑުވަރުން ހުއްދަ ލިބިގެން ކަމަށް ސައުދީ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު އެ މިނިސްޓްރީ އަށް އަންގަވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންނަށް ސައުދީ ސަރުކާރުން ވިސާ ހަމަޖެހުނުހާ އަވަހަކަށް އެކަންތައް ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް އަންގަވާނެ ކަމަށް މިމަހުގެ 3 ވަނަ ދުވަހު ސައުދީ ސަފީރު ވިދާޅުވެފައިވާ ކަމަށެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން އެދުވަހު ދީފައިވާ މައުލޫމާތު ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި އެމްބަސީ އަށް ހަމަ އެދުވަހު އަންގާފައިވާނެ ކަމަށާއި އަދި އެ ހުއްދަ އަވަސްކޮށްދިނުމަށް ވެސް އެދިފައިވާނެ ކަމަށް ވެސް ފޮރިންގެ ބަޔާނުގައިވެ އެވެ.

"ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން އެ ހުއްދަ އަވަސް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސައުދީގެ ފޮރިން މިނިސްޓްރީން މަޑުކުރަަނީ ސައުދީ ގަނޑުވަރުން ހުއްދަ ލިބެންދެއް ކަމަށް ދިވެހި އެމްބަސީން އަންގައިފައިވޭ،" އެ ބަޔާނުގައިވެ އެވެ.

އުމްރާއަކަށް ވަޑައިގެންނެވުމަށް ނަޝީދު ޝައުދީއަށް ކުރައްވާ ދަތުރުފުޅުގައި ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ނަޝީދު އަދިވެސް ހުންނެވީ ސްރީލަންކާގައި ކަމަށް ނަޝީދުގެ ސްޕޯކްސްޕާޝަން މާރިޔާ އަހުމަދު ދީދީ އިއްޔެ ވަނީ ވިދާޅުވެފަ އެވެ