މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ލިބުނު އާމްދަނީ 999.4 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ ކުރިން ލަފާކުރި މިންވަރަށް ވުރެ 65 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު ލިބުނު އާމްދަނީގެ މިންވަރަކީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާ އިރު 72.6 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޖޫން މަހު މީރާ އަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 579 މިލިއަން ރުފިޔާ އެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ އިދާރާ އަށް ޑޮލަރުން އެކަނި ލިބުނު އާމްދަނީ 34.8 މިލިއަން ޑޮލަރަށް އަރަ އެވެ.

އެ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްއިންނެވެ. ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މިދިޔަ މަހު އެ އިދާރާ އަށް 268.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 28 ޕަސެންޓް އިތުރު އަދަދެކެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. ލޭންޑް ރެންޓްގެ ގޮތުގައި މިދިޔަ މަހު 233.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 23 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 228 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 22 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.