ކުންފުންޏެއްގެ ގިނަ އަދަދެއްގެ ފައިސާތަކަކަށް ޚިޔާނާތްތެރިވި ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައިވަނީ ހ.މުރެކްސް މުހައްމަދު ނާޒިމް 44، އާއި މ.ނެކްސަސް އިސްމާއީލް ވަހީދު 42، ގެ މައްޗަށެވެ.

އެ ދެމީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ ފަސް މީހެއްގެ ހިއްސާވާ ގޮތަށް އުފައްދާފައިވާ އިންޓަގްރޭޓެޑް ސެކިޔުރިޓީ މެނޭޖްމަންޓް ސާވިސަސް ޕްރައިވެޓް ލިމިޓެޑް ގެ ދެ ހިއްސާދާރުން ގޮތުގައި ތިބެ އެކުންފުނީގެ ދެން ތިބި ތިން ހިއްސާދާރުންނަށް ނޭނގި އެކުންފުނީގެ ފައިސާތަކުގެ ތެރެއިން 41503.54 ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.